ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްގައި ތެޔޮ އަންދައިގެން ހަކަތަ އުފެއްދުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މަލަހިނި ކުޑަބަނޑޮހުގައި ކުރިއަށްދާ "ނިއު އެނަރޖީ އިންޑަސްޓްރީ ކޮންފަރެންސް" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވުމުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖެ ގެންދެވޭނީ ރާއްޖެއާއި ބޭރުގެ ޤައުމުތައް ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކޮށްގެންކަމަށެވެ.
އެގޮތުން މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ އެއްކަމަކީ ދުނިޔެ ހޫނުވުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވާ ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުން ހުއްޓާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއިން ކަރަންޓު އުފެއްދުމަށް ތެޔޮ ބޭނުންކުރަނީ އެކަމަށް އެކަށިގެންވާ ޙައްލެއް އަދި ނުލިބޭތީކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މިކޮންފަރެންސްގެ ސަބަބުންވެސް އަވިން ހަކަތަ އުފެއްދޭނެ އިތުރު ގޮތްތަކާއި އެކަމުގެ އިތުރު މަޢުލޫމާތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތެލުން ހަކަތަ އުފެއްދުމަކީ ބޮޑު ހޭދައެއް ހިގާކަމެއް ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ހޭދަކުރަނީ ތެލުން ހަކަތަ އުފެއްދުމަށްކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެ ގޮތްތައް ދެނެގަތުމުގެ މަޤަޞަދުގައި ކުރިއަށްގެންދާ މިކޮންފަރެންސްގައި ޒަމާނީ ވަޞީލަތްތަކާއި، ހަކަތަ އުފައްދާ ރައްކާކުރުމުގައި ޓެކްނޮލޮޖީގެ ފަހުގެ ހޯދުންތަކާ ގުޅޭގޮތުން ކޮރެއާގެ ކުންފުނިތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރު އޮގަސްޓް މަހު ކުޑަ ބަނޑޮހުގައި ކޮރެއާ ބެޓެރީ އިންޑަސްޓްރީ އެސޯސިއޭޝަނުން ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ޤާއިމުކޮށްފައިވެއެވެ. މި ސިސްޓަމުގައި ހިމެނެނީ 290 ކިލޯވޮޓްގެ ޕީވީ ޕެނަލަކާއި، 977 ކިލޯވޮޓް އަވަރގެ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއި، 295 ކިލޯވޮޓްގެ ޕަވަރ ކޮންވަރޝަން ސިސްޓަމެކެވެ. މިސިސްޓަމް މެދުވެރިކޮށް ދުވާލަކު 1 މެގަވޮޓްގެ ކަރަންޓު އުފެއްދޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.