ޚަބަރު

ތަރައްޤީއަކީ ހަވާސާވެފައިވާ މީހުންގެ ބޭނުންތައްވެސް ފުއްދައިދިނުން - މިނިސްޓަރ


ތަރައްޤީއަކީ ހަމައެކަނި ޤައުމުގެ ގިނަ މީހުންގެ ބޭނުންތައް ފުދިގެން ދިޔުން ނޫންކަމަށާއި، ތަރައްޤީއަކީ މުޖުތަމަޢުގައި ހަވާސާ ވެފައިވާ މީހުންނަށް ފުރުޞަތު ފަހިކޮށްދީ އެމީހުންގެ ބޭނުންތައްވެސް ފުދިންގެންދިއުންކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދަޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަންހުންނަ މީހުންގެ ބައިވެރިވުން ހިމެނޭ ތަރައްޤީއަށް ބާރުއެޅުމަށް ޔޫއެންޑީޕީން އެކުލަވާލާފައިވާ ޕްލޭނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ބާއްވާ ވެލިޑޭޝަން ފޯރަމް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ ކިތަންމެ ގިނަ މަޝްރޫޢުތަކެއް ހިންގިނަމަވެސް އެކަންތައްތައް ކުރިއަށްގެންދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ފުދޭގޮތަށް، އެމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށެވެ.

އެގޮތުން ގެދޮރު ޢިމާރާތް ކުރުމާއި، މަގުތައް ތަރައްޤީކުރުން ފަދަ ކަންކަމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންކުރެވޭގޮތަށް އެކަންކަން ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް އަމިއްލަ ފަރުދުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން މިދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކުލޫސިވް ޑިވެލޮޕްމަންޓް ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާއްމު ތަންތަނަށް ވަދެ ނުކުމެ އުޅުމާއި، އާއްމުތަންތަނުގައި އުޅުމާއި، ސްމާރޓް ސިޓީގެ ތެރެއިން ނުކުޅުދުންތެރިކަންހުންނަ މީހުންނަށް ފަސޭހައިިން އުޅެވޭނެ އިންތިޒާމް ހަމަޖައްސޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މި ފޯރަމްގައި ސަރުކާރުގެ އިތުރުން ދައުލަތުގެ ބައެއް މިނިވަން މުއައްސަސާތަކުންވެސް ބައިވެރިވެފައިިވެއެވެ. ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކުލޫސިވް ޑިވެލޮޕްމަންޓް ވެލިޑޭޝަން ފޯރަމްގެ ތެރެއިން ނުކުޅެދުންތެރިކަންހުންނަ މީހުންގެ ބައިވެރިވުން ހިމެނޭ ތަރައްޤީއަށް ބާރުއެޅުމަށް ޔޫއެންޑީޕީން އެކުލަވާލާފައިވާ ޕްލޭނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކުރަންވީ ކަންކަން ދެނެގަނެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.