ތަޢުލީމު

ދިރާސީ އާ އަހަރު މާދަމާ ފެށޭއިރު އާމަންހަޖާއެކު ކިޔަވައިދޭން ފެށޭ


ދިރާސީ އާ އަހަރު މާދަމާ ފެށޭއިރު،
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓީޗަރުންނާއި ކިޔަވައިދިނުމަށް ބޭނުންވާ
ވަސީލަތްތައް ހަމަވެ، އާ މަންހަޖުގެ ދަށުން ކިޔެވުން ފެށޭ ގްރޭޑްތަކާއެކު ސްކޫލްތަކާއި
ތައުލީމީ ވުޒާރާ ތައްޔާރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު
ޝިހާމް ވިދާޅުވެއްޖެއެވެ.



ޓީޗަރުންގެ މުސާރައަށް އައި
ބަދަލުތަކާއި، އާމަންހަޖުގެ ދަށުން ވެފައިވާ ތައްޔާރީ ތަކާއި، ސްކޫލްތަކަށް
އުމްރާނީ ގޮތުން ގެނެވުނު ބަދަލުތަކުގެ އިތުރުން ތައުލީމީ ދާއިރާއިން 2015 ވަނަ އަހަރަށް
ރާވާފައިވާ ކަންކަން ތައުލީމާއި ބެހޭ ވުޒާރާއިން މިއަދުވަނީ ހާމަކުރައްވާފައެވެ.



"ތަހްޒީބް މުޖުތަމައަކަށް ތަރުބަވީ
ތައުލީމް ދިނުމުގެ މުހިންމުކަން" މި އަމާޒްގެ ދަށުން މާދަމާ ފެށޭ ދިރާސީ އާ
އަހަރަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެފައިވާ ތައްޔާރީ ތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް
މައުލޫމާތު ހިއްސާކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް
ވިދާޅުވީ، މިފެށޭ ދިރާސީ އާ އަހަރަކީ، ސްކޫލްތަކުގެ އިސްފަރާތްތަކާއި، ޓީޗަރުންގެ
އިތުރުން ބެލެނިވެރިން ވެސް ހިމެނޭ ގޮތަށް އިންގިލާބީ ގިނަ ބަދަލްތަކެއް ތައުލީމީ
ދާއިރާއަށް ގެނެވިގެންދާ އުންމީދީ އަހަރެއްކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވީ، ރައީސުލް
ޖުމުހޫރިއްޔާ ޓީޗަރުންގެ މުސާރައަށް ބަދަލްގެންނަން އިއުލާން ކުރެއްވުމާއި، މިނިސްޓްރީން
ދާއިރާއަށް ގެނެސްފައިވާ ބަދަލުތަކާއެކު، ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓަރީ، ޑރ. އަބްދުﷲ މުޙްސިން ވިދާޅުވީ،
މައިގަނޑު ތިން ބަޔަކަށް ބެހިފައިވާ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން، ކޮންމެ
ލީޑިންގ ޓީޗަރަކަށްވެސް 33 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެކަމަށާއި،
އޮނިގަނޑާއި ގުޅޭ ތަފްސީލް މާދަމާއިން ފެށިގެން ސްކޫލްތަކަށް ފޮނުވަމުންދާނެކަމަށެވެ.
އާ މަންހަޖަށް ވެފައިވާ ތައްޔާރީ ތަކާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ސްޓޭޓް
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، 2015 ވަނ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް
ތައުލީމީ ނިޒާމަށް އެންމެ ބޮޑު ބަދަލެއް އަންނާނެ އަހަރުކަމަށާއި، ސްކޫލްތަކުގެ
ހިންގުމާއި، ކިޔަވައިދިނުމުގެ ވައްޓަފާޅިއަށްވެސް ބަދަލްތަކެއް އަންނަންވާނެކަމަށެވެ.
މަގުޗާޓެއްގެ ދަށުން ފަށާފައިވާ އާ މަންހަޖުގެ މަސައްކަތުގެ ތެރެއިން، ހިމެނޭ
މާއްދާތަކާއި، މުގައްރަރު ތައްޔާރު ކުރުމާއި، ފޮތްތަށްވެސް ތައްޔާރުކުރެވިފައިވާކަމަށް
އާދަމްޝަރީފް ވިދާޅުވިއެވެ. ބޮޑުޗުއްޓިއަށްފަހު ސްކޫލްތަކަށް ދަރިވަރުން
ވަންނައިރު ގެންނަންޖެހޭ ބަދަލުތަކާއި ސްކޫލް މަރާމާތުތަކާއި ގުޅޭގޮތުން އެ
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބް އިބްރާހިމް އިސްމައީލް ވިދާޅުވީ، ރާއްޖެގައި ހުރި
212 ސްކޫލުގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި، ބަދަލުތައް ގެންނަންޖެހޭ
ބަދަލުތަކާއެކު މިހާރު ދަރިވަރުންނަށް ވަދެވޭވަރަށް ނިންމިފައިވާކަމަށެވެ.



2015 ވަނަ އަހަރު މަތީ ތައުލީމުގެ
ފުރުސަތުތައް ދޭން ރާވާއިވާ އުސޫލުތަކާއި، ޕޮލިޓެކްނިކް މެދުވެރިކޮށް ކުރިޔަށްގެންދާ
ޕުރޮގްރާމްތަކާއި ބެހޭ މައުލޫމާތުވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދުވަނީ
ހާމަކޮށްފައެވެ.



ތައުލީމީ އާމަންހަޖަށް ކަމާއި
ގުޅުންހުރި ފަރާތްތައް އަހުލުވެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ
ދަށުން ޚަބަރު ފަތުރާ ވަސީލަތްތަކަކީވެސް މުހިންމު ދައުރެއް އަދާކުރާ ފަރާތެއްކަން
ފާހަގަކުރައްވައި، އާ މަންހަޖު ތަންފީޒްކުރުމަށް މީޑިއާގެ ދައުރާ ބެހޭގޮތުން އެއް
ދުވަހުގެ ސެމިނާއެއް މިހަފްތާތެރޭގައި ބާއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން
މައުލޫމާތުދެއެވެ.