ޚަބަރު

ހޮލިޑޭކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޑަޒްލިން ރޯވާރސް ހޯދާއިފި


11 ވަނަ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން ފުރަތަމަފަހަރަށް ޑަޒްލިން ރޯވާރސް ހޯދާފިއެވެ.

އިއްޔެ ހަވީރު ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗް ޑަޒްލިން ރޯވާރސް ކާމިޔާބުކުރީ މިދިޔަ ފަސްއަހަރުގެ ޗެންޕިއަން ޑީޖޭ އަމިކޯ އާއި ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑުޖަހާދީފައިވަނީ ދެވަނަ ހާފުގެ ފަހު ވަގުތު ކޮޅުގައި ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ޢަބްދުއްﷲ އިހްވާން (ޑުންގާ)އެވެ. މި މެޗުގައި ޑީޖޭއަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިއެވެ. ޑަޒްލިން ރޯވާރސް ފައިނަލާ ހަމަޔަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ ޕޮއިންޓުގެ ގޮތުން އެންމެ ކުރީގަ އޮވެގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޑީޖޭ އަމިކޯގެ ކޯޗު ބުނީ މިއަދު އެމީހުންގެ ނަސީބު ދެރައީ ކަމަށާ، ޓީމްގެ ކުޅުން ތެރިން ވަރަށް ބޮޑަށް ހިތްވަރު ކުރިކަމަށެވެ. އަދި މި ލިބުނު ނާކާމިޔާބީވެސް ބަލައިގަންނަ ކަމަށާއި މީވެސް ކާމިޔާބީއެއްކަމަށް ކޯޗު ބުންޏެވެ.

ޑަޒްލިން ރޯވާރސްގެ ކޯޗު ބުނީ، މިއީ ފިއްލަދޫގެ ތާރީޙް ގައިވެސް ހޮލިޑޭ ކަޕްގައި އެރަށުގެ ޓީމެއް، ޤުރޫޕް ސްޓޭޖުގައި ބަލިނުވެ ފައިނަލާހަމައަށް ދިޔަ ފުރަތަފަ ފަހަރު ކަމަށެވެ. އަދި މީއީ ފިއްލަދޫގެ ތާރީޙް ބަދަލުކޮށްލި މެޗެއްކަމުގައިވެސް އެޓީމްގެ ކޯޗު ބުންޏެވެ. މުބާރާތުގެ ކިންގުކަމަށް ދެކެމުން އަންނަ ޑީޖޭއަމިކޯ ބަލިކޮށްލެވުނީމަ ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް އެޓީމުގެ ކޯޗު ބުންޏެވެ. އަދި ކުރިޔަށް އޮތްތަނުގަ ޓީމުތަކުން ޑަޒްލިން ރޯވާރސް އަށް ސަމާލުވާންޖެހޭނެކަމަށާ ކުރިޔަށް އޮތްތަނުގައި އެޓީމް ތަފާތު ވާނެކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑަޒްލިންގެ ރޯވާރސްގެ ޢަބްދުއްﷲ އިހުވާން (ޑުންގާ)އެވެ. އަދި އެންމެ މޮޅު ފޯވާޑުގެ މަގާމުވެސް ލިބިފައިވަނީ އޭނާއަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙުސެން ޝިފާހު (ޝިފައްޓީ) ހޯދާފައި ވާއިރު މުބާރާތުގެ އެންމެ މޮޅުޑިފެންޑަރަކަށް ހޮވިފައިވަނީ އެޓީމްގެ އާދަމް ނަސީމެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކީ އަހުމަދު ސޯދިޤެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑީޖޭ އަމިކޯގެ އަބްދުއްﷲ މިސްބާހެވެ. މުބާތާރުގެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑަޒްލިންގެ ހައިޝަމް ރަޝީދު އަދި އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ އެޓީމްގެ ކީޕާ މޫސާ ރަޝީދު (ކުއްމު) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޑަޒްލިންގެ ރޯވާރސް ކޯޗް މޫސާ ނަޒީލްއެވެ.

ފައިނަލްމެޗުގެ ޝަރަފް ވެރިމެހެމާނަކީ ތަޖުރިބާކާރު ކޯޗު އަލީ ސުޒައިނެވެ. މި މުބާރާތުގެ އެކި ގޮތްގޮތަށް އެހީތެރިވި ފަރާތްތަކަށްވެސް ހިތްވަރު ދިނުމުގެ ގޮތުން ހަދާނީ ފިލައެއްވަނީ ދީފައެވެ. ހޮލިޑޭ ކަޕަކީ ފިއްލަދޫގެ ޒުވާނުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.