ސިޔާސީ

ބޭނުންވަނީ 65 އަހަރުން މަތީ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮންނަން - ރައީސް ޔާމީން


އުމުރުން ފަސްދޮޅަސް ފަސް އަހަރުވެފައިވާ މީހުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޤާނޫނު އަސާސީ އޭރު ބަދަލުގެންނެވީ އެއްވެސް ފަރާތަކާއި މެދު ޒާތީކަމެއް އޮވެގެން ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޤާނޫނު އަސާސީއަށް ގެނައި ބައެއް އިސްލާހުތަކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އުމުރުން 65 އަހަރުވެފައިވާ ފަރާތްތަކަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެންނެވި ބަދަލަކީ މިއަދުވެސް އެގޮތަށް އޮންނަންޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ޒުވާނުންގެ ވަރަށްބޮޑު އާބާދީއެއް އޮތް ޤައުމެއް ކަމަށާއި އަދި ރާއްޖޭގެ ތިން ބައިކުޅަ ދެބަޔަކީ ފަންސާސް އަހަރަށްވުރެ ދަށުގެ މީހުން ކަމަށެވެ. އަދި އުމުރުން 26 އަހަރުގެ ޒުވާނަކު ފަސް އަހަރުގެ ތެރޭގައި ޕީއެޗްޑީ ނިންމާލުމުން އެޒުވާނަކު ހުންނާނީ ވެރިކަމަށް ކުރިމަތިލުމަށް ފައްކާވެފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައީސުންނާއި ނައިބު ރައީސުންނާ ދޭތެރޭގައި ކަންކަން އުފުއްލަވަން ތިބޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަގައިމުވެސް ތިރީސް އަހަރާއި ހަމައިން އެބޭފުޅުންނަށް ކުރިމަތިލެއްވޭ. އެހެންވީމަ މިފެންވަރަށް ކިޔަވައިގެން ފަސް އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފިއްޔާ ދެން ރައްޔިތުން ނިންމާނީ އެބޭފުންނަށް ކުރިމަތިލެއްވޭނެތޯ ނޫންތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަންތައްތައް ހިނގާ ހަލުވި މިނަށް ބަލާއިރު، ބޭނުންފުޅުވަނީ ފަހަތު ފަޔަށް ބުރަނުވެ މަސައްކަތްކުރާ ޒުވާން ވެރިއެއް ކަމަށެވެ. އަދި ވަގުތު އޮއްވައި ކަންކަން ނުކުރެވޭނަމަ ލިބޭ ފުރުސަތުތައް ގެއްލިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވިނަމަވެސް ދާދިފަހުން މަޖިލީހުން ވަނީ 65 އަހަރުވެފައިވާ ފަރާތްތަކަށްވެސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙު ކޮށްފައެވެ. މި އިޞްލާޙު މިގޮތަށް ބަދަލު ކުރުމަށް ހުށަހެޅީވެސް ޕީޕީއެމްއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފެވެ.

ޤާނޫނު އަސާސީ ތަސްދީޤު ކުރިއިރު އޮތް ގޮތަށް ވެރިކަމަށް ކުރިމަތިލެވޭ ޢުމުރު ބަދަލު ކުރުމަށް އިސްލާޙު ހުށައަޅުއްވަމުން އަލީ އާރިފް ވިދާޅުވީ، އެގޮތަށް އިޞްލާޙު ހުށައެޅުއްވީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައީސްކަމަށް ކުރިމަތިލެވޭނެ އެންމެ މަތީ ޢުމުރެއް ކަނޑައަޅަފައިނުވާއިރު، ރާއްޖޭގައިވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރައީސްކަމަށް ކުރިމަތިލުމުގެ ހައްގު އޮންނަންޖެހޭނެކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.