ޚަބަރު

މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ފަށައިފި


މާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ކެމްޕޭނޭއް ފަށައިފިއެވެ. މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާއިރު، މާލޭގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިއުއެޗްއޯއާއި، މާލެ ސިޓީ ކައުންސިލްގެ އިތުރުން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ޚާއްޞަ ހަރަކާތެއް ވަނީ ފަށާފައެވެ. މާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ފެށި މިކެމްޕޭން އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރެވެ. މިކްމެޕޭންގެ ތެރެއިން މަދިރި އުފެދޭ ގޮތަށް ފެންހަރުލާފައި ހުންނަ ތަންތަން ނައްތާލައި އެފަދަ ތަންތަނަށް ސްޕްރޭކުރުމަށް ހަމަޖެހިފައިވެއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ މިދުވަސްވަރު މާލޭގައި މަދިރި ގިނަވަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، މި ކެމްޕޭނަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް އެޅޭ ފިޔަވަޅަކަށްވެގެންދާނެކަމަށެވެ.

"މިކަހަލަ ކަމެއް ކުރާއިރު އެންމެ މުހިއްމީ ރައްޔިތުންގެ އެވެއަރނެސް، އެވެއަރނެސް އިތުރުކުރުމުގައި ކަމާ ގުޅޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން މަސައްކަތްކުރުމުން ނަތީޖާ ފެންނާނެކަމަށް ޤަބޫލުކުރަންޖެހޭ. މިފަދަކަމެއް ކުރާއިރު ހަމައެކަނި މިނިސްޓްރީން މަސައްކަތްކުރިނަމަވެސް މައްސަލަ ޙައްލެއް ނުވާނެ." ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީއާއި، ޑަބްލިއުއެޗްއޯ އަދި މާލެ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާނުތަކާއި ފެން އުފެދޭގޮތަށް ހުރި ތަންތަން ސާފުކޮށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

"މަދިރީގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. މިމައްސަލަ ޙާއްލުކުރުމަށް ފަރުދީ ޒިންމާއަކީވެސް ވަރަށް މުހިއްމުކަމެއް. ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭ ޔަގީންކަމަކީ މިހާރަށްވުރެ ބޮޑަށް މާލޭގައި އަލަށް ހަދާ ޢިމާރާތްތަކާއި މަގުތައް ބަލަހައްޓާ މިކަން ރަނގަޅު މެކޭނިޒަމަކުން މޮނިޓަރ ކުރެވޭނެ ގޮތް ހަދާނެކަން." މާލެ ސީޓީގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާއިރު މިމަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރަން ނިންމާފައިވަނީ މާލޭގެ މަދިރި އުފެދޭ ތަންތަން މަދުކުރުމުގެ މަސައްކަތެވެ. މިމަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.