ތަޢުލީމު

އިސްބޭފުޅުންނަށް މަރުޙަބާ ކިޔަން ދަރިވަރުން ނުނެރެން އަންގައިފި


ސަރުކާރުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުން ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް އަވީގައި ބޭތިއްބުމަކީ ދަރިވަރުންގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރާކަމެއް ކަމަށެވެ. އަދި އެގޮތަށް ގިނަ ވަގުތު ދަރިވަރުން ބޭތިއްބުމުގެ ސަބަބުން ބެލެނިވެރިންގެ ގިނަ ވަގުތުތަކެއް ގެއްލިގެންދާކަންވެސް މި ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ، އެކަން އެގޮތަށް ނުކުރުމަށް ސްކޫލްތަކަށް އަންގާފައެވެ.

ސަރުކާރުގެ އިސް ފަރާތްތައް ރަށްރަށަށް ވަޑައިގެންނެވުމުން އެބޭބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ނުކުތުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ގެންގުޅޭ ސަގާފަތެކެވެ. ނަމަވެސް މިފަހަކަށް އައިސް ސަރުކާރުގެ އިސްފަރާތްތައް ވަޑައިގަންނަވާއިރު، ދަރިވަރުން އަވީގައި އެތައް ގަޑިއިރެއް ކުރިން ބައިތިއްބަން ޖެހުމުން ބެލެނިވެރިން އަންނަނީ ޝަކުވާކުރަމުންނެވެ.

އަދި މިކަމާ ގުޅިގެން މީސް މީޑިއާގައި އާންމު ރައްޔިތުން އަންނަނީ މިކަން މިގޮތަށް ނުކުރުމަށް ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ގެންނެވި ބަދަލާއެކު ސްކޫލްތަކުގެ ދަރިވަރުން މަރުޙަބާ ދެންނެވުމަށް ނުކުމެ ހުންނަންޖެހޭ ހުރުން މިވަނީ ނިމުމަކަށް އައިސްފައެވެ.