ޚަބަރު

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ދެކޮޅަށް ޕީޕީއެމް މެންބަރުން އިހްތިޖާޖުކުރަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނީ ބޮޑެތި ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އަހަން އުޅުމުން އިދިކޮޅު ޕީޕީއެމްގެ މެންބަރުންތައް މަޖިލީހުގައި އިޙްތިޖާޖު ކުރަން ފަށައިފިއެވެ.

ޕީޕީއެމް މެންބަރުން ވަނީ މަޖިލިސް ފްލޯގައި އެ ބިލަށް ވޯޓަށް ނޭހުމަށް ގޮވާލައި މަޖިލިސް ތެރޭގައި އިހްތިޖާޖުކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް ނޫން ކަމަށް މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.

މަޖިލީހުގައި އިދިކޮޅު ޕާޓީން އިހްތިޖާޖު ކުރަމުންދާތީ މަޖިލީހުގެ ފީޑުވެސް ވަނީ ފަހުން ކަނޑާލައިފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ވަނީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ކުރަމުންދާ އިހްތިޖާޖުތަކުގެ ފޮޓޯތަކެއް ދައުރުވާން ފަށާފައެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރުން ވަނީ ދާދިފަހުން މަޖިލީހުގައި ރިޔާސަތު ކުރިމަތީގައި ޖަހާފައިވާ ފެންސު ކައިރީގައި އިހްތިޖާޖުކޮށްފައެވެ. މި ފެންސަކީ މިހާރުގެ ސަރުކާރު އިދިކޮޅުގައި ހުރިއިރު މަޖިލީހުގައި އިހްތިޖާޖު ކުރާތީވެސް ޖަހާފައިވާ ފެންސެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ މެންބަރުން ވަނީ މަޖިލިސް ރިޔާސަތު ކައިރިއަށްވެސް ގޮސްފައެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށައަޅުއްވާފައިވާ، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ދެ ކޮމިޝަން ތަޙްޤީގީ ދެ އިދާރާއަށް ހެދުމާއި ޤާނޫނީ ބާރުތައް އެ ކޮމިޝަނަށް ދިނުމެވެ.

މި ބިލުގައި ރިޔާސީ ދެ ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، ޖިނާޢީ ކުށްތައް ތަޙްޤީޤްކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ބާރު ލިބިގެން، ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންގެ އެހީތެރިކަން ހޯދުމާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެ ދެ ކޮމިޝަނުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ކޯޓު އަމުރުހޯދުމުގެ ބާރުވެސް އެ ކޮމިޝަނަށް މި ޤާނޫނުން ލިބިދެއެވެ.