ޚަބަރު

ޓެރަރިޒަމް ހުއްޓުވުމާ ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދިވެހި ވަފްދެއް ސިންގަޕޫރަށް ފުރައިފި


ޓެރަރިޒަމްގެ ޙަރަކާތްތަކަށާއި، ފަނާކުރަނިވި ހަތިޔާރު ފޯރުކުރުމަށް ކުރާ ޚަރަދުތައް ހުއްޓުވުމާގުޅޭގޮތުން ސިންގަޕޫރުގައި ކުރިއަށްދާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ރާއްޖެއިން ވަފްދެއް ފުރައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑްރަގް އެންޑް ކްރައިމްސް (ޔޫ.އެން.އޯޯ.ޑީ.ސީ) އިން އިތިޒާމުކޮށްގެން "ކައުންޓަރިން ދަ ފައިނޭންސިން ފޯރ ޓެރަރިޒަމް އެންޑް ވެޕަންސް އޮފް މާސް ޑިސްޓްރަކަަޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 އިން 6 ވަނަ ދުވަހާ ހަމައަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީގެ ޑައިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކަމާގުޅޭ ދާއިރާގެ ފަންނީ މާހިރުން ހިމެނެއެވެ.

މި ބައްދަލު ވުމުގައި ނިރުބަވެރި ޙަރަކާތްތަކަށް ފައިސާ ހަރަދު ކުރުން ހުއްޓުވުމަށާއި ފަނާކުރަނިވި ހަތިޔާރު ފޯރުކުރުން ހުއްޓުވުމުގެ ދާއިރާގައި ދުނިޔޭގައި އަމަލު ކުރަމުންދާ ޤާނޫނީ އޮނިގަނޑާއި ކުރެވޭ މަސައްކަތާއި، ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ދުނިޔޭގައި އަމަލު ކުރަމުންދާ ރަނގަޅު އުސޫލުތަކަށް ބައިވެރިން އަހުލުވެރި ކުރެވޭނެ ކަަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ވަފްދުގައި އިސްކޮށް ޙަރަކަތްތެރިވާ، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން، ދުނިޔޭގައި ހިނގާ ޓެރަރިޒަމާ ގުޅުންހުރި ކަންތައްތައް މިހާރައްވުރެ ބޮޑަށް އެންގިގެންދާނެ ކަމަށެވެ. އަދި ރާއްޖެ އަމާން ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މި ބައްދަލު ވުމުގެ ސަބަބުން ކަންކަންކުރަންވީ ގޮތް އެނގި ބައްދަލުވުމުގައި ބައިވެރިވާ އެހެން ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުވެ ގުޅުން ބަދަހިވާނެ" ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ ކަންތައްތަކާއި ޔޫއެން ސިސްޓަމްގެ ދަށުން ކުރިއަށްގެންދާ ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.

ޔޫ.އެން.އޯ.ޑީ.ސީން ބާއްވަމުންދާ، ޓެރަރިޒަމާ ގުޅުންހުރި ވޯކްޝޮޕް ތަކާއި ސެމިނާތަކުގެ ސަބަބުން ރައްޖޭގެ ޖުޑިޝަރީގެ ދާއިރައާއި، އިންވެސްޓިގޭޝަން ވަރުގަދަވެގެންގޮސްފައިވާކަންވެސް ޒަކަރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.