ޚަބަރު

ގިނަ ދުވަސްވީ އުޅަނދުތައް މާދަމާއިން ފެށިގެން ފުލުހުން ނަގަނީ


މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަގުތައް ތަރުތީބުކޮށް، ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި، ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް މާދަމާއިން ފެށިގެން ނަގަން ފަށާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮއްފިއެވެ.މިމަސައްކަތް ކުރިއަށްގެންދާނީ، ފުލުހުންނާއި މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ، އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާޢިދާއި ޚިލާފަށް ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި، ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކާއި ޕާކިންގ ޒޯންތަކުގައި ހުރުމުގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށްދަތިވެ، ޤަވާއިދާއި ޚިލާފަށް ޕާކުކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ ކުރިޔަށްގެންދާ މަސައްކަތެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޤަވާޢިދާއި އެއްގޮތަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ޕާކުކުރާނެ އިތުރު ޖާގަ ހޯދާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ފުލުހުން ފާހަގަކުރެއެވެ.މި ޕްރޮގްރާމުގައި ނަގާ އުޅަނދުތައް ނެގުމުގައި ނުވަތަ ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޒިންމާ ނުވާނެ ކަމަށާއި، މިގޮތުންނެގޭ އުޅަނދުތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު، އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތައްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދުގެ ވެރިފަރާތުންކަން ފުލުހުން ވަނީ އަންގަވާފައެވެ.މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ރައްޔިތުންގެފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން އަބަދުވެސް ފާހަގަކުރާ ކަމަށާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް ނަގައި،ޤާނޫނާއިޤާވާޢިދާއި އެއްގޮތަށް މަގުތައް ބޭނުންކުރުމަށް ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކުރައްވައެވެ.