ދީން

މިދިޔަ އަހަރު ޒަކާތު ފަންޑަށް 52 މިލިއަން ރުފިޔާ ލިބިފައިވޭ


ޒަކާތުފަންޑަށް މިދިޔަ އަހަރު ފަންސާސް ދެ މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ ތާރީޚީ ގޮތުންވެސް އެފަންޑަށް އެންމެ ގިނައަދަދަކަށް ފައިސާ ލިބިގެންދިޔަފަހަރުކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޒަކާތު ފަންޑުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓރަ ޝަހީމް ވިދާޅުވީ، 2014 ވަނައަހަރުގެ ގިނަ ފަރާތްތަކުން މުދަލު ޒަކާތް ދައްކާފައިވާކަމަށާއި، ޝަރީއަތުގައިވާ  މިންގަނޑުގެ ތެރެއިން ފަންޑަށް ލިބިފައިވާ، ފައިސާ ބެހިގެންދާނެގޮތް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މިއަހަރު ޒަކާތް ދައްކާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ޚާއްސަ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ޒަކާތާއި ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތާއި، ޒަކާތުގެ ސޮފްޓްވެއަރއެއް ހެދުމުގެ މަސައްކަތް އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކާއި ގުޅިގެން ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މިކަމައްޓަކައި، އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކުގެ ވަފްދެއް މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.