ޚަބަރު

މީހުން ދިރިއުޅޭ ގޭގޭގައި ޕެޓްރޯލްފަދަ ތަކެތި ވިއްކަމުންދާދިއުން ހުއްޓުވަންޖެހޭ - މާލެސިޓީ މޭޔަރު


މީހުން ދިރިއުޅޭ ގޭގޭގައި ޤަވާއިދާ ޚިލާފަށް ޕެޓްރޯލްފަދަ ތަކެތި ވިއްކަމުންދާ މައްސަލައަކީ މިހާރު އެންމެބޮޑަށް ފާހަގަކުރެވޭ އެއް މައްސަލަކަމަށް މާލެސިޓީ މޭޔަރ ވިދާޅުވެއްޖެއެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން، މަލޭ ސިޓީގެ ރައްޔިތުންނާއި މަޝްވަރާކުރުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މި ބައްދަލުވުމުގައި އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ، ޤަވައިދާ ހިލާފަށް ބައެއް ތަކެތި ގޭގޭގައި ވިއްކުމުގެ މައްސަލަކަމަށެވެ. ބައްދަލުވުމުގައި މިކަމުގެ ނުރައްކާތެރިކަމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވާއިރު، މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަމެއްކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ، މަލޭ ސިޓީގެ ރައްޔިތުންނާއި މަޝްވަރާކުރުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމަކީ
ވަރަށްވެސް ރަގަނޅު ބައްދަލުވުމެއް ކަމަށާއި، އެކި ހާލަތްތަކުގައި ބޭސް ހޯދުމަށާއި، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމާއި، ކާބޯތަކެތި ސިޓީއެއްގައި 24 ގަނޑިއިރު ލިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްދަލުވުމުގައި ވާހަކަދެކެވުނުކަމަށެވެ.

އެންމެ ބޮޑު އިޝޫއެއް ގޮތައް އަޅުގަނޑުމެން ދައްކާވާހަކައަކީ މާލޭގެ ބައެއް ގޭގޭގައި ޕެޓްރޯލް ޤަވައިދާ ހިލާފަށް ވިއްކަން ހުންނަ މައްސަލަ. އަޅުގަނޑުމެން ކަންބޮޑުވެގެން އެވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް. ވަރަށް ކުރީއްސުރެން ދައްކާ ވާހަކައެއް މިއީ. މިމަޝްވަރާގެ ތެރޭގައި އެކަން ނެގުނީމަ އަޅުގަނޑުމެން ވަރަށް ހިންހަމަ ޖެހިއްޖެ. އެއީ، ވަރަށް ބިރުވެރިކަމެއް ދެއްތޯ، ހަގީގަތުގައި ގެއެއްގެ ތެރޭގައި ޕެޓްރޯލް ވިއްކުމަކީ. އެއީ އެކަން ކޮށްގެންވެސް ނުވާނެކަމެއް ދެއްތޯ. ކޮންމެ ވިޔަފާރިވެސް ކުރަންޖެހޭނި އެއޮންނަ ޤަވައިދެއްގެ ތެރެއިން ހުއްދަތަކެއް ނަގައިގެން. އަޅުގަނޑުމެން އެއްވެސް ކޮޅަކަށް ބުރަވާކަށް ނޫން" މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، މި ބައްދަލުވުމުގައި މަޝްވަރާކުރި އިތުރު ކަންކަމުގެ ތެރޭގައި އާންމު ތަންތަނުގައި، ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ ހިމެނޭކަމަށެވެ. މިގޮތުން މި ބައްދަލުވުމުގައި މިކަމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތައް މިބައްދަލުވުމުގައި ހިއްސާކުރިކަމަށް ޝިފާ ވިދާޅުވިއެވެ.

24 ގަޑިއިރަށް ވިޔަފާރީތައް ހުޅުވާފައި ބެހެއްޓުމަށް ހުއްދަދިނުމާއި ބެހޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގައި އާންމުންނާއި ވިޔަފާރިވެރިން ބައިވެރިވެ އެފަރާތްތަކުން މިކަމުގައި ދެކޭގޮތް ސިޓީކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.