ވިޔަފާރި

"ރީމެކްސް"ގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފި


ހޮންގކޮންގގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑެއްކަމަށްވާ "ރީމެކްސް"ގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފިއެވެ.

ލޮނުޒިޔާރާތް މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފެވެ.

"ރީމެކްސް 3 C ޑިޖިޓަލް ލައިފްސްޓައިލް ސްޓޯރ" ގެނަމުގައި ހުޅުވި މި ފިހާރައަކީ ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތަކާއި ގެޒެޓްތަކަށް ޚާއްސަ ފިހާރައެކެވެ. މިގޮތުން މި ފިހާރައިން ފޯން ކޭސިން، ހެޑްފޯނުގެ އިތުރުންވެސް ތަފާތު އާލާތްތައް މި ފިހާރައިން ލިބެން ހުންނާނެއެވެ.

ހޮންގކޮންގގެ މި ބްރޭންޑް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ ދިވެހި ކުންފުޏެއްކަމަށްވާ މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްއިންނެވެ.

ރީމެކްސް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ހާފިޒް ވިދާޅުވީ، ރީމެކްސް ބްރޭންޑަކީ އިލެކްޓްރޯނިކް ސާމާނުތަކުގެ ވިޔަފާރީގައި ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑެއްކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބްރޭންޑްގެ 6 ހާހަށްވުރެ ގިނަ ފިހާރަ ހުންނައިރު ރާއްޖެގައި މިފަދަ ފިހާރައެއް އަލަށް ހުޅުވުމަކީ ލިބޭ ޝަރަފެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހާފިޒް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ފަހުގެ ޓެކްނޮލޮޖީ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން ރިމެކްސްއިން ވިޔަފާރިކުރައްވާ ފަރާތްތައް ފިހާރައަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް އެއްޗެހި ގަތުމުގެ ފުރުސަތު ލިބިގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންނަށް ލުއި ފަސޭހަކުރުމަށްޓަކައި އޮންލައިންކޮށް މުދާ ގަނެވޭއިރު، ގަންނަ މުދާ ޑެލިވަރީކުރުމުގެ ޚިދުމަތްވެސް މި ފިހާރައިން ލިބޭނެއެވެ. އެގޮތުން މާލޭގެ ކޮންމެތަނަކަށް އެއްވެސް އަގަކާއި ނުލައި މުދާ ޑެލިވަރީކޮށްދޭނޭކަމަށް މޯލްޑައިސް ކުންފުނިން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ރީމެކެސް ކުންފުނީގެ ހެޑް އޮފް ސޭލްސް ޖިއަންގް ޝިއޮވެން ވިދާޅުވީ ރާއްޖޭގައި އަލަށް އެކުންފުނީގެ އައުޓްލެޓެއް ހުޅުވިގެން ދިއުމަކީ އެކުންފުނިން ވަރަށް އުފާވާކަމެއްކަމަށެވެ. މުސްތަޤްބަލުގައި ރާއްޖެއާއިއެކު ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ޝައުޤުވެރިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރީމެކްސް ބްރޭންޑްއަކީ 2010 ވަނަ އަހަރު ހޮންގކޮންގގައި އުފެއްދި ކުންފުންޏެކެވެ. މިހާތަނަށް ދުނިޔޭގެ 120 ޤައުމުގައި މި ބްރޭންޑްގެ އައުޓްލެޓްތައް ހުޅުވަފައިވާއިރު، މި ބްރޭންޑްގެ 6300 ފިހާރަ ދުނިޔޭގެ އެކި ޤައުމުތަކުގައި ހުޅުވާފައިވެއެވެ.