ޚަބަރު

ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވައިފި


ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ، މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ ދީނީ ކަންކަން ކުރިއެރުވުމަށް ރާއްޖޭގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޖަމްޢިއްޔާތައް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާއި، ދީނާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތައް ހީނަރުވިޔަނުދިނުދީ، އެކަން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީއާއި ޖަމްޢިއްޔާތައް ގުޅިގެން ވީހާވެސް ގާތުން މަސައްކަތް ކުރެވޭނެ ގޮތްތަކާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޖަމްޢިއްޔާތަކުގެތެރޭގައި ޕީސް ފައުންޑޭޝަން، މަހަލްދީބް ފައުންޑޭޝަން، ޖަމްޢިއްޔަތުއް ސަލަފް ފަދަ ޖަމްޢިއްޔާތައް ހިމެނެއެވެ.

މިއީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ، ދީނީ ކަންކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އިސްލާމިކް މިނިސްޓަރ މީގެ ކުރިން ވަނީ ރާއްޖޭގެ ރާއްޖޭގައި ތިބި ޢިލްމުވެރިންނާވެސް ބައްދަލުކުރައްވާފައެވެ.