ޚަބަރު

މެކްސިކޯގެ ރައީސް އާންދްރޭ މަނުއެލް ލޮޕޭޒް އޮބްރޭދޯ މަޤާމުގެ ހުވާކުރައްވައިފި


މެކްސިކޯގެ އިންތިޚާބީ ރައީސް އާންދްރޭ މަނުއެލް ލޮޕޭޒް އޮބްރޭދޯ ރައީސްކަމުގެ ޤާނޫނީ ހުވާކުރައްވައިފިއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އޮބްރޭދޯ ވިދާޅުވީ، މެކްސިކޯއަށް ކުރިމަތިވެފައިވާ ފަގީރުކަމާއި ކޮރަޕްޝަނާއި ގޭންގްތަކުގެ ނުރައްކަލުން އެ ޤައުމު ސަލާމަތްކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ޤައުމުގެ ކުރިމަގު އުޖާލާކުރެވޭނީ މި ނުރައްކާތައް ކުޑަކުރެވިގެންކަމަށެވެ.

ވާތުފިޔައިގެ ސިޔާސީ ތަޖުރިބަކާރެއް ކަމަށްވާ އޮބްރޭދޯއަކީ މިހާތަނަށް އެ ޤައުމުގައި ވެރިކަން ކުރެއްވި ކެޕިޓަލިސްޓް ފިކުރުގެ މުއްސަނދި މަހުޖަނުންނާ ވަރަށް ތަފާތު ބޭފުޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އޮބްރޭދޯ ވަނީ މެކްސިކޯގައި ވެރިކަން ކޮށްފައިވަނީ ފަގީރުންނާއި ނިކަމެތިންނަށް ރަހުމުނެތް ދަހިވެތި މުއްސަނދިންގެ ބައިމަދު ޖަމާއަތެއްގެ ބައެއް ކަމަށް ސިފަކުރައްވައި ކުރީގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އުމުރުފުޅުން ފަސްދޮޅަސް ފަސް އަހަރުގެ އޮބްރޭދޯ މެކްސިކޯގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މެކްސިކޯ ހުރަސްކޮށް ލެޓިން އެމެރިކާގެ ފަގީރު ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ހިޖުރަކުރުން ހުއްޓުވުމެވެ. މި މައްސަލައިގައި އެމެރިކާގެ ނުރުހުން އަމާޒުވެފައިވަނީ މެކްސިކޯއަށެވެ.