ޚަބަރު

"ޔެލޯ ވެސްޓްސް" ހަރަކާތުގެ ސަބަބުން ކުއްލި ހާލަތު އިޢުލާންކޮށްފާނެކަމުގެ އިންޒާރު ދީފި


ފަރަންސޭސިވިލާތުގައި ކުރިއަށްގެންދާ "ޔެލޯ ވެސްޓްސް" ހަރަކާތުގެ ތެރެއިން ހިންގާ ހަރުކަށި ޢަމަލުތައް އިތުރަށް ފުޅާވަމުންދާތީ، އެ ޤައުމުގައި ކުއްލި ހާލަތު އިޢުލާން ކުރުމާމެދު ވިސްނަންޖެހިދާނެކަމުގެ އިންޒާރު، އެގައުމުގެ ދާޚިލީ ވަޒީރު ދެއްވައިފިއެވެ.

ބީއެފްއެމް ޓީވީ ނެޓްވަރކަށް ދެއްވި ބަސްދީގަތުމެއްގައި ފަރަންސޭސި ދާޚިލީ ވަޒީރު ކްރިސްތޯފް ކެސްޓެނަރ ވިދާޅުވީ "ޔެލޯ ވެސްޓްސް" ހަރަކާތުން ކުރިއަށްގެންދާ ހަރުކަށި ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުއްލި ހާލަތު އިޢުލާންކުރުމަށް ފުލުހުންނާއި މަސައްކަތްތެރިންގެ ޖަމިއްޔާތުން ރައީސް އެމެނުއެލް މެކްރޯނަށް އިލްތިމާސް ކުރަމުން ގެންދާތީ ސަރުކާރުން އެކަމާމެދު ސީރިއަސް ގޮތެއްގައި ވިސްނަންޖެހޭކަމަށެވެ.

ކުއްލި ހާލަތު އިޢުލާން ކޮށްގެންނޫނީ "ޔެލޯ ވެސްޓް" ގެ އެކްޓިވިސްޓުން ހިންގާ ހަމަނުޖެހުންތައް ނުހުއްޓުވޭނެކަމަށް ލަފާކުރެވޭތީ އެކަމާމެދު ސަރުކާރުން ފުންކޮށް ވިސްނާނެކަމަށް، ފަރަންސޭސި ސަރުކާރުގެ ރަސްމީ ތަރުޖަމާން ވިދާޅުވިއެވެ.