ޚަބަރު

ޑެންގީ ހުން ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ޑެންގީހުން ފެތުރޭ މިންވަރު އިތުރު ދުވަސްވަރެއްނަމަވެސް، އެހެން އަހަރުތަކަށްވުރެ މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު އިތުރުކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.

މިދުވަސްވަރު ޑެންގީހުން ޖެހޭ މީހުންގެ ޢަދަދު އިތުރުވަނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށާއި، މަދިރިހެފުމުން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް މުއައްސަސާތަކާއި، ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޑެންގީ ހުމުގެ އަލަމާތްތަކުގެތެރޭގައި ހުންއައުމާއި، ކުޑަކަމުދާ މިންވަރު މަދުވުމާއި، އާދަޔާއި ޚިލާފަށް ވަރުދެރަވުންފަދަ ކަންކަން ހިމެނެއެވެ. ހުން އަންނަތާ ތިން ދުވަހަށްވުރެ ގިނަވެއްޖެނަމަ ނުވަތަ މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެތެރޭގައި ފެންހަރުލާގޮތަށް ތަކެތި ނުބެހެއްޓުމާއި، މަގުމައްޗާއި، ވައިގޮޅިފަދަ ތަންތަނަށް ކުނި ނޭޅުމާއި، ޑަސްބިންފަދަ ތަކެތި ފެންނޭޅޭ ގޮތަށް މަތި ބަންދުކޮށްފައި ބެހެއްޓުމާއި، އިރުއަރާ ވަގުތާއި އިރުއޮއްސޭ ވަގުތު ގޭތެރެއަށް މަދިރި ނުވަންނާނެގޮތަށް ދޮރުތައް ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.