ޚަބަރު

މުރައިދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި


ހއ.މުރައިދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެސްއެމް ނިއުސް އަށް މަައުލޫމާތު ދެމުން މުރައިދޫ ކައުންސިލް އިދާރައިގެ ނައިބު ރައީސް މުޙައްމަދު ނިޝާމް ވިދާޅުވީ ނަރުދަމާގެ މަސައްކަތައް ބޭނުންވާ ތަކެތި އެ ރަށަށް ގެނެސް މިދިޔަ ހަފްތާގައި އެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އިތުރަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ ނަރުދަމާ ޤާއިމް ކުރުމަށް ބޭނުންވާ ޕަންޕު ސްޓޭޝަންތައް ސާފުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދާ މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

މި މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ އެރަށުގެ ރައްޔިތުން ހައްލަކަށް ބެނުންވެފައިވާ ގިނަ ދުވަސްވީ މައްސަލައެކެވެ.