ޚަބަރު

ޕްލާސްޓިކް މަދުކުރުމަށް ފެށި ޤައުމީ ކެމްޕެއިނުގައި ފޮރިން މިނިސްޓްރީން ބައިވެރިވެއްޖެ


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕަލާސްޓިކް ބޭނުންކުރުން މަދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޤައުމީ ކެމްޕެއިންގައި ފޮރިން މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

މިކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ ހަތާވީސް ހާހަށްވުރެ ގިނަ ޕްލާސްޓިކް އަހަރެއްގެ މައްޗަށް އެ މިނިސްޓްރީން ބޭނުން ކުރަމުންދާ ކަމަށާ އެކަން މަދު ކުރަންޖެހޭ ކަމަށެވެ. ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމުގެ ގޮތުން ފެށި ޙަރަކާތުގެދަށުން އެ މިނިސްޓްރީގެ ކޮންމެ މުވައްޒަފަކަށްވެސް ވަނީ ބިއްލޫރި ފުޅިއެއް ހަދިޔާކޮށްފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްނެންގެވުމާއެކު، ފެށި މި ޤައުމީ ކެމްޕެއިންގައި ބައިވެރިވެ، ފޮރިން މިނިސްޓްރީއަކީ ތިމާވެއްޓާ ރައްޓެހި މިނިސްޓްރީ އަކަށް ހެދުމަށް މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރ ވަނީ މިނިސްޓްރީގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ގުދުރަތީ އަލި ބޭނުން ކުރަން އާދަ ކުރުމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު މަދު ކުރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޕްލާސްޓިކް ފުޅިއާއި ކޮތަޅު މަދުކުރުމަށް ޤައުމީ ފެންވަރުގައި ކެމްޕެއިންއެއް ފެށުމަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.