ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަޚަމް ކޮށްލައިފި


ޑިއުޓީ އަދާ ކުރަމުން ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މިއަދު 15:45 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަޚަމް ކޮށްލާފައި ވަނީ ވިލިމާލޭގައެވެ.

މި ހާދިސާގައި ޒަޚަމްވި ފުލުސް މީހާއަށް ވިލިމާލެ ސިއްޙީމަރުކަޒުން ފަރުވާދިނުމަށްފަހު އިތުރަށް ތަޙުލީލުތައް ކުރުމަށް ފުލުހުންގެ ލޯންޗެއްގައި މާލެގެނެސް މިހާރު ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެއްސަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ފުލުސް މީހާއަށް ހަމަލާދިން ވަޅި (ތިލައިގައި 17 ސެންޓިމީޓަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުސް މީހާ އަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ވިލިމާލެ މަލްޓި ޕޮއިންޓް ފިހާރައިން ވައްކަން ކުރި މައްސަލައަކާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު އޭނާގެ އަތުގައި އޮތް ވަޅިއަކުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.