ޚަބަރު

މޯލްޑިވް ގޭސްއިން އެމްއެންޑީއެފަށް ބައެއް ތަކެތި ހަދިޔާކޮށްފި


އަލިފާނުގެ ހާދިސާތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން
އެމްއެންޑީއެފްއިން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ ތަކެތި މޯލްޑިވްސް ގޭސްގެ
ފަރާތުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފިއެވެ.



މިތަކެތި ހަވާލުކުރުމުގެ ކުރިން މިކަމާ ގުޅޭ
އެއްބަސްވުމުގައި މިދެފަރާތުން ވަނީ ސޮއިކޮށްފައެވެ. ލެމަންގްރާސްގެ ސިޓްރަންގައި މިއަދު
ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި
ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ. އެމްއެންޑީއެފްގެ
ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ، ފަޔާ އެންޑް ރެސްކިއު ސާވިސްގެ
ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދުއެވެ. އިބްރާހިމް ރަޝީދު ވިދާޅުވީ، ފަޔާ ރެސްކިއު ސާރވިސްއަކީ އަބަދުވެސް އަލިފާނުގެ
ހާދިސާތަކަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ
ތަނެއް ކަމަށާއި އެގޮތުން އެފަދަ ޕްރޮގްރާމްތައް ހިންގުމުގައި މޯލްޑިވް ގޭސްގެ
ފަރާތުން އަބަދުވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ.



މި ރަސްމިއްޔާތުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރ
އަބްދުﷲ މައުމޫން ވިދާޅުވީ، އެ ކުންފުނީގެ މަގްސަދަކީ
ހަމައެކަނި ކެއްކުމަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުން ނޫން ކަމަށާއި ގޭހުން
ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް މީހުން ހޭލުންތެރި ކުރުމަކީވެސް އެ
ކުންފުނީގެ ޒިންމާއެއް ކަމަށެވެ. މައުމޫން ވިދާޅުވީ،
ވޭތުވެދިޔަ ތަނުގައި ވެސް އެފަދަ ފަރާތްތަކުން ފަޔާ އެވެއާނަސް ޕްރޮގްރާމްތައް
ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގަމުން
އަންނަ މިންވަރު މަދުކުރެވިފައިވާ ކަމަށެވެ. މޯލްޑިވް ގޭސްގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި
ފަޔާ
އެވެއާނެސް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ގޭސްފުޅިއާއި
ގޭސް
އުނދުން އަދި އެކަމަށް ބޭނުންވާ ރެގިއުލޭޓަރު ފަދަ
ސާމާނުތައް ހިމެނެއެވެ.