ޚަބަރު

ސޭސްގެ ބެސްޓް ކަންޓްރީ އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ


ސައުތު އޭޝިއަން ޔޫތު ސަމިޓް، ސޭސް 2018ގެ ބެސްޓް ކަންޓްރީ އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ރާއްޖެއަށް ދީފައިވަނީ، ސައުތު އޭޝިއަން ޔޫތު ސަމިޓް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އެ ވޯޑާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޔޫތު މިނިސްޓްރ އަޙްމަދު މަޙްލޫފެވެ.

މިއަހަރުގެ ސައުތު އޭޝިއަން ޔޫތު ސަމިޓް، ސޭސްގައިި ރާއްޖެ ތަމްސީލު ކޮށްފައިވަނީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތް، ރަފީ ޖަމްޢިއްޔާއިންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ރަފީ ޖަމްޢިއްޔާގެ ޖެނެރަލް ސެކެޓްރީ މަމްދޫހާ ވިދާޅުވީ، ބެސްޓް ކަންޓްރީ އެވޯޑްގެ އިތުރުން އިންސްޕިރޭޝަނަލް އެވޯޑްއާއި ވޯރލްޑް ގްލޯބަލް އެވޯޑުގެ އިތުރުން އެހެނިހެން ގިނަ އެވޯޑްތަކެއްވެސް ލިބިފައިވާ ކަމަށެވެ.

އޭޝިއާގެ ހުރިހާ ޤައުމަކުން ބައިވެރިވި މި ސަމިޓްގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ އިތުރުން މެލޭޝިއާ އާއި މޮރިޝަސްގެ ޔޫތު މިނިސްޓަރުންވެސް ބައިވެރިވެވަޑަައިގެންފައިވެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ސައުތު އޭޝިއަން ޔޫތު ސަމިޓަކީ، އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ) އިން އިންތިޒާމްކޮށްގެން، ސާކް ޤައުމުތަކުގެ ޒުވާނުންނަށް ދިމަވާ ގޮންޖެހުންތަކާއި، ޒުވާނުންގެ ކުރިއެރުމަށް ސާކް ޤައުމުތަކުން ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށް ބާއްވާ ސަމިޓެކެވެ.