ޚަބަރު

ބާ އެސޯސިއޭޝަން ބިލަށް ޚިޔާލު ހޯދަނީ


ޤާނޫނީ ވަކީލުންގެ މަސައްކަތްތައް ފާރަވެރިވެ ބެލުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުޢައްސަސާއެއް އުފެއްދުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ޤާނޫނީ ޚިދުމަތުގެ ބިލަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ނެރުނު އިޢުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާއިން ދިރާސާކުރަމުންދާ ޤާނޫނީ ޚިދުމަތުގެ ބިލަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފައިވާ ކަމަށެވެ. އެހެންކަމުން އެ ބިލަށް އެއްވެސް ޚިޔާލެއް ހުށަހަޅަން ބޭނުންވާނަމަ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން މަޖިލިސް ކޮމެޓީ މެއިލް އެޑްރެސް ކަމަށްވާ [email protected] އަށް މެއިލް ކުރުން އެދޭ ކަމަށެވެ. ބޭނުންވާ ފަރާތްތަކަށް ލިޔުމުންވެސް ޚިޔާލު ހުށަހެޅިދާނެ ކަމަށް މަޖިލިސް އިދާރާއިން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.

މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ އެސޯސިއޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓު ކުރުމެވެ.