ޚަބަރު

ތިންވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް، އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި


ތިންވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް، ސޭސް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
މި ސަމިޓް ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު، މިކަމާގުޅޭ އެއްބަސްވުމުގައި، ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފުވަނީ މިއަދު، އިންޓަރނޭޝަނަލް ޔޫތް ކޮމެޓީއާއެކު ސޮއިކޮށްފައެވެ.

ތިންވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާކަން، ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު އިޢުލާން ކުރައްވާފައިވަނީ، މިއަހަރުގެ ސައުތު އޭޝިއަން ޔޫތު ސަމިޓް ނިންމުމަށް ސްރީލަންކާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިއަހަރުގެ ޔޫތް ސަމިޓްގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތް، ރަފީ ޖަމްޢިއްޔާއިންނެވެ.

އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ) އިން އިންތިޒާމްކޮށްގެން، ބާއްވާ ސައުތު އޭޝިއަން ޔޫތް ސަމިޓަކީ، ސާކް ޤައުމުތަކުގެ ޒުވާނުންނަށް ދިމަވާ ގޮންޖެހުންތަކާއި، ޒުވާނުންގެ ކުރިއެރުމަށް ސާކް ޤައުމުތަކުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ބާއްވާ ސަމިޓެކެވެ.