ޚަބަރު

ރައީސް ޞާލިޙް "މުލީއާގެ"އަށް ބަދަލުވެވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ ކޮޅުގެ ގޮތުގައި ހަމަޖައްސަވާފައިވާ "މުލީއާގެ" އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބަދަލުވެވަޑައިގެންފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ޞާލިޙް މުލިއާގެ އަށް ބަދަލުވެވަޑައިގެންނެވީ މިއަދު ހެނދުނު ދިހައެއް ޖެހިއިރުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "މުލީއާގެ" ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "ހިލާލީގެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހަމަޖައްސަވާފައިވަނީ ރައީސް ކަމުގެ ހުވާކުރެއްވުމާއެކު މި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "ހިލާލީގެ" ކަމުގައި ހަމަޖައްސަވާފައިވީ ނަމަވެސް ނާއިބްރައީސް ފައިސަލް ނަސީމް އަދި ހިލާލީގެއަށް ދިރިއުޅުން ބަދަލުކުރައްވާފައިނުވެއެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ނުވަތަ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ މުލީއާގެ އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެވި ގެކޮޅެވެ.

އޭގެ ފަހުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު އާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވެސް ދިރިއުޅުންވީ ހިލާލީގޭގައެވެ. އަދި 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްވެސް މުލީއާގޭގައި ވަނީ ދިރިއުޅުއްވާފައެވެ.