ޚަބަރު

އައިސީޓީ ދާއިރާއާއި އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަނީ


އިންފޯރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަދި އަންހެން ވިޔަފާރިވެރިން ކުރިއެރުވުމާއި ގުޅޭގޮތުން ޙިޔާލު ހޯދާ މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

ޑިސެންބަރުމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ވަކިވަކިން ބާއްވާ މިބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމުގެ ފުރުޞަތުވެސް ވަނީ މިހާރު ހުޅުވާލާފައެވެ.

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި ގުޅޭ ބައްދަލުުވުމުގައި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަަކަށް ވިޔަފާރި ކުރުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ، ދާއިރަގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއިއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބައްދަލުވުމުގަައި، އަންހެނުންނަށް ވިޔަފާރީގެ ދާއިރާއިން ދިމާވާ މައްސަލަތައް ދެނެގަތުމާއި، އަންހެން ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ހިޔާލު ހޯދާ، މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތިދުވަހުގެ މެންދުރު ދޭއްޖެހުމާއި ހަމައަށެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ނުވަތަ ޖަމިއްޔާތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެންނެވެ. ބައްދަލުވުން އޮންނާނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައެވެ.