ޚަބަރު

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ރިސޯޓް ހުޅުވަން ތައްޔާރުވެއްޖެ


ކްރައުން އެންޑް ޗަންޕާ ރިސޯޓުން ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ރިސޯޓް މާދަމާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޗަންޕާއިން ޅ.އަތޮޅުގައި ތަރައްޤީކޮށްފައިވާ ހުރަވަޅި އައިލެންޑް ރިސޯޓު ކައިރީގައި ތަރައްޤީކޮށްފައިވާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ރިސޯޓަކީ 3 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.

15 ވޯޓަރ ވިލާ ހިމެނޭ މިރިސޯޓުގެ ވިލާތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި އިތުރު ބައެއްގެ އުނދަގޫ ނުފޯރާގޮތަށް އަރާމު މާހައުލެއްގައި ތަރައްޤީކޮށްފައިވާ ވިލާތަކެކެވެ.

ކޮންމެ ވިލާއެއްގައި 3000 އަކަ ފޫޓު ހުންނައިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހަދާފައިވެއެވެ. ޖަޕާނުގެ ޔޫޖީ ޔަމަސާކީ ނަމަކަށް ކިޔާ އާކިޓެކްއެއް މި ވިލާތައް ފަރުމާކޮށްފައިވަނީ ފިނި ވަޔާއި އިރުގެ އަލި ވީ އެންމެ ބޮޑަކަށް ވިލާތަކަށް ލިބޭފަދަ ގޮތަކަށެވެ.

ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ރިސޯޓުގައި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. ރެސްޓޯރަންޓާއި އިންފިނިޓީ ފޫލާއި، ޖިމްއާއި ސްޕާގެ ޚިދުމަތުގެ އިތުރުން މޫދު ކުޅިވަރުތައް ކުޅުމުގެ އިންތިޒާމްވެސް މިރިސޯޓުގައި ވަނީ ހަމަޖައްސާފައެވެ.

ރިސޯޓް ތަރައްޤީކޮށްފައިވާ ސަރަޙައްދަކީ ގިނަ އަދަކަށް އެން މަޑި ނުވަތަ މަންޓާ ރޭ އާއި އެކި ބާވަތުގެ ވެލާ ކަހަނބު އުޅޭ ސަރަޙައްދަކަށްވުމުން، އެއެއްޗެހި ބަލާލުމަށް ޑައިވްކުރުމުގެ ފުރުޞަތުވެސް ރިސޯޓުގައި ހަމަޖައްސާފައިވެއެވެ. އަދި މަންޓާ ރޭއާއި ވެލާ ކަހަނބާ ގުޅޭ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް މެރިން ބަޔޮލޮޖިސްޓެއްވެސް މިރިސޯޓުގައި ހަރަކާތްތެރިވާނެއެވެ.

ކުޑަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެންމެ ޚާއްސަ ކަމަކީ މުޅި ރިސޯޓަކީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭ ރިސޯޓަކަށްވުމެވެ. ރިސޯޓަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 984 ސޯލާ ޕެނަލް ހަރުކޮށްފައިވާއިރު، މި ސޯލާ ޕެނަލްތަކުން 300 ކިލޯވޯޓުގެ ކަރަންޓު އުފައްދާނެއެވެ. މީގެ އިތުރުން ރިސޯޓުގެ ހުރިހާ މަސައްކަތެއްގައިވެސް ތިމާވެއްޓާއި ރަހުމަތްތެރި ތަކެތި ބޭނުންކުރުމަށް ނިންމާފައިވާއިރު އެ ރިސޯޓުގައި ބޭނުން ކުރާ ބޯފެނަކީވެސް ރިސޯޓުން އަމިއްލައަށް އުފައްދާ ފެނެކެވެ.

ކުޑަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް ހުޅުވަން ތައްޔާރުވެފައިވާއިރު މިރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސީ-ޕްލޭނެއްގައި 40 މިނެޓުން ދެވެއެވެ.