ޚަބަރު

ރިޔާޒު ރަޝީދުގެ ސޮއިއާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޖޭޕީ


ރައްޔިތުން މަޖިލީހުގެ މައިނޯރީޓީ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ، ޖޭޕީ ވެއްޖެއެވެ. ޖޭޕީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ވެގެން ދިޔައީ ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެޕާޓީއަށް މިރޭ ސޮއިކުރެއްވުމާއި އެކުއެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ހުންނެވި ރިޔާޒް ރަޝީދު ޖޭޕީއަށް ސޮއިކުރެއްވީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒްގައެވެ. ރިޔާޒް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތްކަމުގެ ފޯމާއި ހަވާލުވެލެއްވީ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއެވެ. ރިޔާޒް ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅި ވަޑައިގަތުމާއެކު އެޕާޓީގެ މެންބަރުންގެ އަދަދު މިހާރުވަނީ ބާވީހަށް އިތުރުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ 14 އަހަރުވެފައިވާ ރިޔާޒް ރަޝީދަނީ ރައްޔިތުންގެ ޚައްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ މެންބަރެކެވެ.

ޖުމްހޫރީ ޕާޓީގައި މިވަގުތު 22 މަޖިލިސް މެންބަރުން އެބަތިއްބެވެ. އަދިވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އިދިކޮޅު ޕީޕީއެމްއެވެ. އެޕާޓީގައި މިވަގުތު ތިބީ 28 މެންބަރުންނެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގައި މިވަގުތު ތިބި މަޖިލިސް މެންބަރުންގެ ޢަދަދަކީ 19 އެވެ. މަޖިލީހުގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަކީ 46 މެންބަރުންނެވެ.