ޚަބަރު

ރައީސް މައުމޫނަށް އޮނަރަރީ ޕީއެޗްޑީއެއް އެރުވުމަށް ނިންމައިފި


ބެންގަލޫރުގެ ގާރޑަން ސިޓީ ޔުނިވަރސިޓީން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް ޑޮކްޓަރޭޓް ޑިގްރީއެއް އެރުވުމަށް ނިންމައިފިއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ތަޢުލީމީ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ޑޮކްޓަރޭޓް ޑިގްރީ ނުވަތަ އޮނަރަރީ ޕީއެޗްޑީ އެރުވުމަށް ނިންމާފައިވަނީ ދުނިޔެއިން ހޮވާލެވޭ 2 ބޭފުޅަކަށެވެ.

އެގޮތުން މި 2 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ކަމަށް އެ ޔުނިވަރސިޓީގެ ބޯޑް އޮފް ޑިރެކްޓަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. އިންޑިއާގެ ގާރޑަން ސިޓީ ޔުނިވާރސިޓީގެ ބޯޑުން ރައީސް މައުމޫނަށް ޑޮކްޓަރޭޓް ޑިގްރީ އެރުވުމަށް ނިންމުމާގުޅިގެން އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޖޯސަފް ވީޖޯޖް މާލެ ވަޑައިގެން ރައީސް މައުމޫނާ ބައްދަލުކުރައްވައި އެކަމުގެ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.

މައުމޫން ފައުންޑޭޝަންގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ގާރޑަން ސިޓީ ޔުނިވަރސިޓީގެ ފަރާތުން އެމަނިކުފާނަށް މިފަދަ ޝަރަފެއް އަރުވަން ނިންމެވީތީ އެ ޔުނިވަރސިޓީގެ ޗާންސެލަރއަށާއި، ބޯޑަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޝަރަފު ޤަބޫލުކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

2008 ވަނަ އަހަރު ވެރިކަމުން ފައިބައިވަޑައިގަތުމަށްފަހު ރައީސް މައުމޫން ގެންދަވަނީ މައުމޫން ފައުންޑޭޝަންގެ ނަމުގައި ފައުންޑޭޝަނެއް އުފައްދަވައި، މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ސްކޮލަރޝިޕްތައް ދެމުންނެވެ.

ރައީސް މައުމޫންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް މީގެކުރިންވެސް ބޭރުގެ 3 ޔުނިވަރސިޓީއަކުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައިވެއެވެ. އަދި އިނގިރޭސިވިލާތާއި، ދެކުނު ކޮރެއާއާއި، ސްރީލަންކާއިން އަރުވާ އެންމެ މަތީ ޝަރަފު ރައީސް މައުމޫނަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ އެކި ޖަމިއްޔާ ޖަމާޢަތްތަކާއި، ޔުނިވާސިޓީތަކުން ރައީސް މައުމޫންގެ ޚިދުމަތުގެ އަގުވަޒަންކޮށް، ޝަރަފާއި ޢިއްޒަތް އަރުވާފައިވެއެވެ.