ޚަބަރު

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޮމުގެ ވަރުގަދަ ހަމަލާއެއް ދީފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފިއެވެ. ގޮއްވާލާފައިވަނީ ކާރުބޮމެއް ނުވަތަ އެފަދަ ބާރުގަދަ ބޮމެއް ކަމަށާއި، އެ ހަމަލާ އަމާޒުކޮށްފައިވަނީ ކާބުލްގައި އިރުމަތީގައި ހުންނަ އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ އޮފީސް އިމާރާތަށް ކަމަށް އަފްޣާނިސްތާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ބޮމުގެ ޙަމަލާއަށްފަހު އެ ސަރަހައްދުގައި ހަނގުރާމަވެރިންގެ ބަޔަކާއި އަފްޣާނިސްތާނުގެ ސިފައިންނާ ދެމެދުވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަފްޣާނިސްތާނުގެ ސިއްޙަތާބެހޭ އިދާއިރާއިން ބުނީ ކާބުލްގެ ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާކަމަށާއި، ޒަޚަމުވެގެންވެސް އެތައް ބަޔަކު ހޮސްޕިޓާތަކަށް ގެންގޮސްފައިވާކަމަށެވެ.

އެހެންނަމަވެސް އެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމުވި މީހުންގެ ޢަދަދު އަފްޣާނިސްތާނުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އަފްޣާނިސްތާނުގެ ޠާލިބާން ޖަމާއަތުންނެވެ.

ޠާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ، ކާބުލްގެ އިރުމަތީގައިވާ ބޭރުގެ އަސްކަރީ ބާރުތަކެއްގެ މަރުކަޒަކަށް އެ ޖަމާއަތުން ހަމަލާއެއްދިން ކަމަށާއި، އެ ހަމަލާ ކާމިޔާބުކަމަށެވެ.

ޠާލިބާން ޖަމާއަތުން މިހަމަލާ ދީފައިމިވަނީ އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ޠާލިބާނުންނަށް ސުލްޙައިގެ ޕްލޭނެއް ހުށަހެޅުއްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. އެހެންކަމުން މިއީ އަޝްރަފް ޢަބްދުލް ޣަނީގެ ސުލްހައިގެ ހުށަހެޅުމަށް ގޮންޖެހުމުގެ ގޮތުން ޠާލިބާނުން ދިން ހަލަމާއެއްގެ ގޮތުގައި މީޑިޔާ ރިޕޯޓްތަކުގައި ވަނީ ސިފަކޮށްފައެވެ.