ޚަބަރު

ރާޖަޕަކްސަގެ އޮފީހަށް ސަރުކާރުން ޚަރަދުކުރުން ހުއްޓާލުމަށް ފާސްކޮށްފި


ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަގެ އޮފީހަށް ސަރުކާރުން ޚަރަދުކުރުން ހުއްޓާލުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ހުށަހެޅި މި މައްސަލަ ފާސްކޮށްފައި ވަނީ، ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 225 މެންބަރުންގެ ތެރެއިން ސަތޭކަ ތޭވީސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެހެންނަމަވެސް ސްރީލަންކާ ސަރުކާރަށް ނިސްބަތްވާ މެންބަރުންވަނީ މަޖިލީހުގެ މި ޖަލްސާ ބޮއިކަޓްކޮށްފައެވެ. ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ފަރާތުން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި، ރާޖަޕަކްސާގެ އޮފީހަށް ސަރުކާރުން ކުރާ ޚަރަދު ހުއްޓާލުމުގެ ބިލުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ، ރާޖަޕަކްސަގެ ސަރުކާރަކީ މަޖިލީހުގެ އިތުބާރު އޮތް ސަރުކާރެއް ނޫން ކަމަށާއި އެއީ ސަރުކާރުން ޚަރަދު ކުރަންޖެހޭ ސައްހަ ސަރުކާރެއް ނޫންކަމަށެވެ.

އަދި ސްރީލަންކާގެ ދައުލަތާއި ސަރުކާރުގެ އޮފިސްތަކަށް ބަޖެޓް ކަނޑައަޅައި ފައިސާ ދޫކުރުމުގެ ބާރު ޤާނޫނު އަސާސީން ލިބިދީފައިވާ ފަރާތަކީ ޤާނޫނު ހަދާ މަޖިލިސް ކަމުން، ރާޖަޕަކްސާގެ ސަރުކާރަށް ފައިސާ ދޫކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމަކަށް ނުވާނެކަމަށް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޤަރާރު ބުނެއެވެ.