"މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"، އެމްޓީޑީން އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޓީޑީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިން ޖަމިއްޔާގެ ރައީސް އިސްމާއީލް އާސިފް ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ އެޕާޓީއަކީ ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެހެންކަމުން ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް "ބަސްވިކޭ" ޕާޓީއަކަށް ހެދޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޓީޑީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް. އެހެންވީމަ ސިޔާސީ ޕާޓީއަކުން ކުރާ ހުރިހާ ކަމެއްވެސް އަޅުގަނޑުމެންވެސް ކުރާނެ، އެއީ މަޖިލިސް އިންތިޚާބު ކަމަށްވިއަސް އަދި އެހެނިހެން ކަންކަމުގައި ވިއަސް،"އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ދިއުމުގެ ކުރިން އެޕާޓީން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ޕާޓީ ރަޖިސްޓްރީ ކުރުމާއި މީހުން ހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ފުރިހަމަ ކުރުމުގެ ވިސްނުން ފުރަތަމަ މިހުރީ. އެއީ 3000 މީހުން ހަމަކުރުމާއި މިކަހަލަ މިކަހަލަ ކަންކަން. މުޅި ޖުމްލަކޮށް ރަޖިސްޓްރޭޝަންގެ ޕްރޮސެސް ފައިނަލް ކުރުން. އެކަން ނިންމާފައި އެހެން ކަމަކާ އަޅުގަނޑުމެން އުޅޭނީ،" އާސިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޕާޓީއަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަޙަތު ކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ ސަރުކާރުންވެސް ގޯސް ކަމެއް ކުރާނަމަ އެކަމުގައި އެންމެ ފުރަތަމަ ތެދުވެ އަޑު އުފުލާ ބަޔަކަށް އެމްޓީޑީވާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ފައިދާހުރި ކަންކަން ކުރާނަމަ އެމްޓީޑީގެ ފުރިހަމަ ތާޢީދު ސަރުކާރަށް ލިބިގެންދާނެ ކަމަށް އާސިފް ވިދާޅުވިއެވެ.
އަލަށް އުފައްދަން ހުއްދަދިން، "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"، އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ އާސިފްއަށް އިލެކްޝަނުން ދީފައި ވަނީ މިއަދު އެވެ.