ޚަބަރު

އެޑްވެންޗަރސް އޮފް މޯލްޑިވްސް މުބާރާތަށް ވީޑިއޯ ފޮނުވުމުގެ މުއްދަތު އިތުރުކޮށްފި


ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރިޔަށްގެންދާ އެޑްވެންޗަރޒް އޮފް މޯލްޑިވްސް، "ދިވެހި އާހިތަ" ވީޑިއޯ މުބާރާތަށް ވީޑިއޯ ފޮނުވުމަށް ކަޑައަޅާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

"ދިވެހި އާހިތަ" ވީޑިއޯ މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކެންޕެއިން ކަމަށްވާ "ސްޓޯރީސް އޮފް މޯލްޑިވްސް"ގެ ބައެކެވެ.

ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހު ލޯންޗުކުރި މުބާރާތަށް ވީޑިއޯ ފޮނުވުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ނޮވެމްބަރުމަހުގެ 26 ވަނަ ދުވަހެވެ.

ނަމަވެސް މުބާރާތަށް ލިބެމުންދާ ތަރުޚީބަށް ބެލުމަށްފަހު، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވީޑިއޯ ފޮނުވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. މިއީ އެޑްވެންޗަރޒް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތް ކުރިޔަށް ގެންދާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި އެޑްވެންޗަރޒް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތަށް 46 ވީޑިއޯ ހުށަހަޅާފައިވެއެވެ. މީގެތެރެއިން އެންމެ މަޤުބޫލު ވީޑިއޯ 80 ހާހަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

އެޑްވެންޗަރޒް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ޒަރިއްޔާއިން އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރަށްތަކުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކުރު ވީޑިއޯ ތައްޔާރުކޮށް، ހުށަހެޅޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ވީޑިއޯ ހުށަހެޅޭ ބައިތަކުގެ ތެރޭގައި ސްކޫބާ ޑައިވިން، އައިލެންޑް އެކްސްކާރޝަން، ފެސްޓިވަލް، ފްރީ ޑައިވިން، ސާރފިން، ސްނޯކްލިން އަދި ވޯޓަރ ސްޕޯޓްސް ދާއިރާ ހިމެނެއެވެ.

ޔޫރޯ ސްޓޯއިން ކޯސްޕޮންސަރ ކުރާ މުބާރާތުގެ އެއްވަނައަށް ހޮވޭ ވީޑިއޯއަށް 120 ހާސް ރުދިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު 10 ވީޑިއޯ އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ އިޝްތިހާރުކުރުމަށް އެކި ޕްލެޓްފޯމްތަކުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.