ޚަބަރު

ރާއްޖޭގައި އަސްކަރީ ބޭސް އެއް ޤާއިމްކުރުމުގެ ޚިލާލެއް ނުގެންގުޅެން - ޗައިނާ


ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭސް އެއް ޤާއިމްކުރުމުގެ ޚިޔާލެއް ނުގެންގުޅޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޒޭންގ ލީޒޮންގ ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރާއި ހަވާލާދީ ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ ޗައިނާގެ އަސްކަރީ ބޭސް އެއް ރާއްޖޭގައި ޤާއިމްކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. ދެޤައުމުގެ މެދުގައި އުފެދިފައިވާ އަސްކަރީ ގުޅުމުގެ ތެރެއިން އެކަން ކުރެވޭނެ ހާލަތެއްވެސް ނޯންނާނެކަމަށް ޗައިނާ ސަފީރު ވިދާޅުވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާއާ ރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށާއި، މިގުޅުމުގެ ތެރެއިން ދެގައުމުން ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ އަސްކަރީ އޮފިސަރުން ތަމްރީނުކުރުމުގެ ތަފާތު ފުރުސަތުތަކެއް އަހަރަކު އެއްފަހަރު ފަހިކޮށްދެއްވާފައިވާނެކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ދާދިފަހުންވެސް ހުރިހާ ވަސީލަތްތަކާއެކު ސީއެމްބިއުލާންސްއެއް އެޤައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން ޗައިނާގެ ފަތުރުވެރިންނަށް ދިމާވާ އިމަރޖަންސީ ކަންކަމުގައި އެހީތެރިވެދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޒޭންގ ލީޒޮންގ ވަނީ އަސްކަރީގޮތުން ގާތް ގުޅުމެއް އުފެދިފައި އޮތުމަކީ ޤައުމުތަކުގެ މެދުގައި އޮންނަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ ރާއްޖޭން ޗައިނާއާ އެކު އަސްކަރީ ގުޅުން ދެމެހެއްޓެން އޮތީ ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދީގެން ކަމަށާއި އެފަދަ ހުއްދައެއް އެއްވެސް ގައުމަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެފައި ވަނިކޮށެވެ.

ޗައިނާގެ ސަފީރު ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި އެކު އެމަނިކުފާނާއި މީގެކުރިން ބައްދަލުކުރައްވާ ވާހަކަފުޅުވެސް ދައްކަވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙުގެ ވެރިކަމެއްގައި ޗައިނާއާ ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ. ދާދިފަހުން ޗައިނާ ސަފީރު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާވެސް ބައްދަލުކުރައްވާފައެވެ.