ޚަބަރު

ތޮލްޙަތުގެ މައްޗަށް އިއްވި ޙުކުމްވެސް ސުޕްރީމް ކޯޓުން ބާތިލްކޮށްފި


ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްޙަތު އިބްރާޙީމް ކަލޭފާނަށް ކްރިމިނަލް ކޯޓުން އިއްވި 10 އަހަރު ދުވަހުގެ ޖަލު ޙުކުމާއި އެ ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ތޮލްޙަތުގެ ފަރާތުން އޭނާއަށް ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން އިލްތިމާސްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން މިއަދު ނެރުނު އަމުރެއްގައެވެ.

ސްޕްރީމްކޯޓުގެ އަމުރުގައި ބުނެފައިވަނި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ތަލްޙަތު އިބްރާޙީމް ކަލޭފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައި ވަނީ މައިގަނޑު އެއް ވާޤިޔާއެއްގެ މައްޗަށް ބިނާކޮށްގެންކަން ކްރިމިނަލް ކޯޓުން ބަލާފައިވާ މައްސަލައިގެ ދައުވާގެ ސީޢާއިން އެގެން އޮންނަ ކަމަށެވެ.

ތޮލްހަތުގެ މައްސަލައިގައި ވެސް އޭނާގެ އެ އަމަލު ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބަލައި، ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 10އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމްވެސް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ބާތިލްކޮށްފައެވެ.