ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިތުރު 5 ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ފަސް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް، މާފަންނު މުއްދޫ، މުޙައްމަދު އިޢާދު ޙަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ގަލޮޅު ސެރޭންޑް ޙަސަން ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒްގެ މަޤާމަށް، ހުވަދު އަތޮޅު ދެކުނުބުރި ވާދޫ ގުލްބަކާގެ އައްޝައިޚް އިލްޔާސް ޖަމާލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ސ.ފޭދޫ ހަނދުވަރީގެ ޢާއިޝަތު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓްގެ މަޤާމަށް މާފަންނު ސީވޯލް އަޙްމަދު މުޖްތަބާއެވެ.

ރައީސުލްޖުމްހޫރިއްޔާ މި 5 ބޭފުޅުން ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް ޞާލިޙު ވަނީ އިއްޔެވެސް ފަސް މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން ޢައްޔަން ކުރައްވާފައެވެ. ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަޤާމަށްވެސް ބޭފުޅަކު ޢައްޔަންކުރައްވާފައެވެ.