ވިޔަފާރި

އިފޮޕްކާގެ ރައީސް ޖަނާޙް، ކެމްބޯޑިއާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން މައުރަޒު އިފްތިތާޙުކޮށްދެއްވައިފި


ކެމްބޯޑިއާގައި ބާއްވާ އެންމެ ބޮޑު ކޮންސްޓްރަކްޝަން މައުރަޒު، ކެމްބޯޑިއާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެކްސްޕޯ، އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާޙު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ކެމްބޯޑިއާގެ ފްނޮމް ޕެންގެ ޑައިމަންޑް އައިލެންޑް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައި ފެށި، ކެމްބޯޑިއާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެކްސްޕޯ މުހައްމަދު އަލީ ޖަނާޚް ޝަރަފުވެރިކޮށްދެއްވިއިރު، މިރަސްމިއްޔާތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ނައިބު ޗީއާ ސޯފާރާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެކްސްޕޯ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުޙައްމަދު އަލީ ޖަނާޙް ވަނީ ސީސީއޭ އިން މި ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިދަތުރަކީ އިފޮޕްކާގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިފޮޕްކާގެ ހުރިހާ މެމްބަރު ޤައުމަކަށް ދަތުރުކޮށް އެޤައުމެއްގެ ކޮންޓްރެކްޓަރުންގެ ހާލަތު ބެއްލެވުމަށާއި، އެޤައުމެއްގައި ތިއްބެވި ކޮންސްޓްރަކްޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ކުރެވޭ ދަތުރުތަކުގެ ފެށުންކަމަށް ޖަނާހު ވިދާޅުވިއެވެ. އަދި ކެމްބޯޑިއާގެ ސީސީއޭއިން މިދާއިރާ ކުރިއެރުވުމަށާއި އެޤައުމުގެ ކޮންޓްރެކްޓަރުންނަށް ފުރުސަތުތައް މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރާއި ބަދަހިކުރަމުންދާ ގާތް ގުޅުމަށް ޖަނާޙު މަރުޙަބާ ދެންނެވިއެވެ.

ކެމްބޯޑިއާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެކްސްޕޯ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ކެމްބޯޑިއާއަށް ކަނޑައަޅާފައިވާ ހުންނަވާ ފްރާންސްގެ ސަފީރު އީވާ ނުގޔެން އާއި ޗައިނާ އާސިއާން ބިޒްނަސް ކައުންސިލްގެ ރައީސް ޒޫ ނިންގިންގް އަދި ކެމްބޯޑިއާ ކޮންސްޓްރަކްޓަރސް އެސޯސިއޭޝަންގެ ރައީސް ނީކް އޮކާ ޕަންގް ކީވްވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މަސީގެ ރައީސް އަދި އިފޮޕްކާގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ މުޙައްމަދާއި އިފޮޕްކާގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވާ ބޯޑް މެމްބަރު އަދި މަސީގެ ނާއިބު ރައީސް އަލްފާޟިލް އަހުމަދު އަލާއު އަލީ އަދި މަސީގެ އެކްޒެކެޓިވް ބޯޑް މެމްބަރު އަދި އިފޮޕްކާ ކޮންވެޝަންގެ އޯރގަނައިޒިންގް ކޯ ޗެއަރ އަބްދުﷲ ސާލިޙުއެވެ.

އިފޮޕްކާގެ ރައީސް ޖަނާހު ކެމްބޯޑިއާއަށް ފެށްޓެވި ދަތުރުފުޅުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި އިފޮޕްކާގެ މެމްބަރު ޤައުމުތަކުގެ ކޮންޓްރެކްޓަރުންނާއި ކަމާބެހޭ އިސްބޭފުޅުންނާއި ބައްދަލުކޮށް އެފަރާތްތަކަށް މިދާއިރާގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް ޙައްލު ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިފޮޕްކާގެ ކޮންވެންޝަން ބޭރު ޤައުމުތަކުގައި ޕްރޮމޯޓްކޮށް ވީހާވެސް ގިނަ މީހުންނަށް ދިވެހިރާއްޖެ އިޝްތިހާރުކޮށް ދަޢުވަތު ދިނުމަކީވެސް މިދަތުރުގެ މަޤްޞަދަކެވެ.
މި ދަތުރުގެ އިތުރުން އިފޮޕްކާގައި މެމްބަރު ހުރިހާ ޤައުމަކަށް ކުރިއަށް އޮތް 16 މަސްދުވަހުގެ ތެރޭގައި ދަތުރުކުރުމަށް ޖަނާޙު ވަނީ ނިންމަވާފައެވެ.