ޚަބަރު

ސައިކަލެއްގެ މަޑިދަށުގައި ރައްކާކޮށްގެން ބަނގުރާފުޅިތަކެއް އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި


ޕީ.ސީ.އެކްސް ސައިކަލެއްގެ މަޑި ދަށުގައި ރައްކާ ކޮށްގެން ހުޅުމާލެއިން މާލެ އެތެރެ ކުރުމަށް މަސައްކަތް ކުރި ބަނގުރާ ފުޅި ތަކަކާއެކު 02 މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ދިވެއްސަކާއި 24 އަހަރުގެ ބަނގުލަދޭޝްގެ ރައްޔިތެކެވެ. މިއަދު ހެނދުނު 07:00 ހާއިރު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެ ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެއިން މާލެ ދިއުމަށް ފެރީއަށް އެރުމަށް މަސައްކަތް ކުރަނިކޮށް ހުޅުމާލެ ފެރީޓާމިނަލުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެނެސް، ބަލައިފާސްކުރި އިރު އެ ދެ މީހުން ތިބި  ޕީ.ސީ.އެކްސް ސައިކަލުގެ މަޑިދަށުގައި ރައްކާކޮށްފައިވާ 08 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.