ވިޔަފާރި

ދިރާގުގެ ޗެއަރމަންގެ މަޤާމަށް އިސްމާއިލް ވަޙީދު އައްޔަންކޮށްފި


ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގުގެ ޗެއާރމަންގެ މަޤާމަށް އެކުންފުނީގެ ކުރީގެ ސީ.އީ.އޯ އިސްމާއިލް ވަހީދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު ޕީ.ސީ،ބީގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާގުގެ ޗެއާރމަންކަމަށް ހ. ފަހިވައި އިސްމާއިލް ވަހީދު އައްޔަންކޮށްފައިވާކަމަށެވެ.

އިސްމާއިލް ވަހީދަކީ ދިރާގުގެ ސިއީއޯގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ސީއީއޯގެ މަޤާމުގައި ފަސް އަހަރު ހުންނެވުމަށްފަހު އޭނާ ވަނީ 2007 ވަނަ އަހަރު އެމަޤާމުން އިސްތިޢުފާދީފައެވެ. ޗެއާރމަންކަމަށް އިސްމާއިލް ވަހީދު އައްޔަންކޮށްފައިވާއިރު ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އޭނާގެ އިތުރުން 6 މެމްބަރުން ތިއްބަވައެވެ.

ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު އެކި ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިބި މީހުން ވަކިކޮށް އައު މެމްބަރުން ދަނީ އައްޔަންކުރަމުންނެވެ. އެގޮތުން ދިރާގުގެ ބޯޑުގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ އަހުމަދާއި އަހުމަދު ހާފިޒު ވަނީ މަޤާމުން ވަކިކޮށްފައެވެ.