ތަޢުލީމު

71 ހާހަށްވުރެ ގިނަ ދަރިވަރުން ފަރުކޮއެ ޕްރޮގްރާމް ފުރިހަމަކޮށްފި


ރާއްޖޭގެ ސްކޫލް ދަރިވަރުން ފަރުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ފަރުކޮއެ ޕްރޮގްރާމް މިއަހަރަށް ނިންމާލިއިރު، 71 ހާހަށްވުރެ ގިނަ ދަރިވަރުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަރުކޮއެގެ މިއަހަރުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއަހަރުގެ ޕްރޮގްރާމުގައި ސްކޫލް ދަރިވަރުންގެ އާބާދީގެ 92 އިންސައްތަ ބައިވެރިވެފައިވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ހަތްދިހަ އެއްހާސް ދުއިސައްތަ އަށްޑިހަ ހަތަރު ދަރިވަރަކު މިފަހަރުގެ ޕްރޮގްރާމް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެއިތުރުން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުންކުރުން، ރާއްޖޭގެ 213 ސްކޫލެއްގައި އެއްކޮށް ހުއްޓާލާފައިވާއިރު، 70 ސްކޫލެއްގައި ޕްލާސްޓިކް އެއްކުރުމަށްޓަކާ ޙާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ފަރުކޮއެ ޕްރޮގްރާމަކީ ރާއްޖޭގެ ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމުގެ ކެމްޕޭންތައް ކުރިއަށްދާއިރު، ފަރުތައް ދައްކާލުމަށް ކުދިން ގެންދިޔުމުގެ ކުރިން ފަރުތަކުގެ ނާޒުކުކަން ކުދިންނަށް ކިޔައިދެއެވެ. އަދި ރާއްޖޭގެ ފަރުތަކުގެ ގުދުރަތީ ރީތިކަން އެކުދިންނަށް ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.

މީގެ އިތުރުން މޫދާއި، އަތިރިމައްޗަށް ކުނިއެޅުން ހުއްޓުވުމަށް ކުދިންނަށް ބާރުއަޅައިދީ، ރަށުތެރެ ސާފުކުރުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށްގެންދެއެވެ.

ފަރުކޮއެ ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީން، ޓޫރިޒަމް މިނިސްޓްރީއާއި އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީ އޮފް ޕްރެސްގެ އިތުރުން ރާއްޖޭގެ ބައެއް އަމިއްލަ ޑައިވިންގ ސެންޓަރުތަކާއި، ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކާއި، ތިމާވެއްޓާއި ގުޅުންހުރި ތަފާތު ޖަމްޢިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.