ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް މަޖިލިސް އިދާރާގައި ތިއްބާ ފުލުހުންނާއި ސިފައިން އައިސް އެ މެންބަރުން ގަދަ ކަމުން ނެރުނު މައްސަލަ ބަލައި، އެކަމުގައި ޒިންމާވާންޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހާޒިރު ކުރަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ މިއަދު ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
އިންތި ހުށަހެޅުއްވި މައްސަލައަކީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހު މަޖިލިސް އިދާރާގައި ހިނގާދިޔަ ހާދިސާއެކެވެ. އެ ދުވަހަކީ ރައްޔިތުން މަޖިލީހުގެ އޭރުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ދުވަހެވެ. ނަމަވެސް އެ ދުވަހު ޖަލްސާއެއް ބާއްވާފައެއްނުވެއެވެ.
އިމްތިޔާޒު ވިދާޅުވީ އެ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ޢަމަލަކީ މުޅޮ މަޖިލީހުގެ ހައްޤަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ޢަމަލެއް ކަމަށެވެ. އަދި މުޅި މަޖިލީހުގެ ހައްޤާއި އިމްތިޔާޒަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ އެ ދުވަހު ފުލުހުންނާއި ސިފައިން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލައި އަންހެން މެންބަރުންގެ ގަޔަށް ފިރިހެން އެސްއޯ ފުލުހުން އަތްލައި ލޮލަށް ޕެޕަރ ސްޕްރޭވެސް ޖަހާފައިވާ ކަމަށެވެ. އެ ދުވަހު ޕެޕަރ ސްޕްރޭ ޖެހިއިރު އަންހެން މެންބަރުންގެ ލޮލަށްވެސް ޕެޕަރ ސްޕްރޭ ޖަހާފައިވާ ކަމަށް އޭނާ މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ވިދާޅުވެފައެވެ.
އިމްތިޔާޒު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާ އަށް ވަދެ، މެމްބަރުންގެ ގަޔަށް އަތްލައި، އަނިޔާވެރިވުމުގެ ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
ރައްޔިތުން މަޖިލިސް ތެރޭގައި މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހު ހިނގާދިޔަ ހާދިސާގައި މެންބަރުން މަޖިލިސް އިދާރާގެ ތެރެއިން ނެރުމަށް މަސައްކަތްކުރި ފުލުހުންނާއި ސިފައިން އިމްތިޔާޒު ކޮމެޓީއަށް ހާޒިރުކުރަން ހުށަހެޅިއިރު އެ ދުވަހު ބައެއް މެންބަރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީން ވަނީ ދަޢުވާވެސް ކޮށްފައެވެ.