ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދާދިފަހުންވެސް ހުށަހެޅިއެވެ. ނަމަވެސް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން މި މައްސަލަ އަނބުރާ ވަނީ ނަގާފައެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިފަހަރުވެސް ހުށަހެޅީ ކުރިންވެސް މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މުޙައްމަދުއެވެ.
މެންބަރު ޢަބްދުﷲ އަޙްމަދު މިއަދު މަޖިލީހަށް ވެއްދި މި މައްސަލާގައި ޕީޖީގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް އަށް ސަބަބެއް ވަނީ ބަޔާންކޮށްފައެވެ.
މެންބަރު ޢަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި މި މައްސަލާގައި ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީއާ ޤާނޫނުން ޕީޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.
ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅުއްވި ފަސް ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ މިދިޔަ ސަރުކާރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރަކު ޖިނާޢީ ކުށެއްގެ ތުހުމަތުގައި ޕީޖީގެ އެދިވަޑައިގަތުކަމާއިނުކައި ބަންދުކޮށްފައި ބެހެއްޓިއިރު އެއީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި ޢަމަލު ކުރަން އޮންނަ އިޖުރާޢަތާއި ޚިލާފު ކަމެއް ކަމަށްވެސް މެންބަރު ޢަބްދުﷲ ހުށަހެޅުއްވި މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.
ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިތުރު ސަބަބެއް ކަމަށް ޢަބްދުﷲ ވިދާޅުވީ ޝަރީޢަތަށް ޙުކުމެއް ކުރުމުގެ ކުރިން އެތައް ޢާއްމު ރައްޔިތުންތަކެއްގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ބަންދުކުރެވިފައިވާއިރު އެކަމުގައި ޕީޖީގެ ފަރާތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.