ޚަބަރު

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ޑރ. ނަޒީރު


ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް އަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު މިއަދު ހަމަޖައްސައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ ޑރ. ނަޒީރު އެ މަޤާމަށް ހަމަޖެއްސެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމުމުން ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޢައްޔަންކުރައްވާ ފަރާތެކެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމަށް މިިދިޔަ އޮކްޓޫބަރު މަހު ވަނީ ހުޅުވައިލައިފަ އެވެ. އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ އެއީ ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ސަޢީދު މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ހައްޔަރު ކުރުމަށްފަހު އޭނާ އެ މަޤާމުން ވަކި ކޮށްފައިވާތީ އެވެ.

މުސާރައާ އިނާޔަތްތަކާއި އެކު މަހަކު 47،000 ރުފިޔާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ލިބިވަޑައިގަންނަވާނެ އެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ޢައްޔަންކުރާ މަޤާމެކެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.