ސިޔާސީ

މުސްލިމް ވަރލްޑް ލީގުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރައީސްގެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް
މުސްލިމް ވަރލްޑް ލީގުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޢާދިލް ބިން ޢަލީ
އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.



މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ
އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި މުސްލިމް ވަރލްޑް ލީގްގެ ޑެޕިއުޓީ
ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ވަރަށް
އުފާކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ
ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންގެ
ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި
ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ
ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، މުސްލިމް ވަރލްޑް ލީގްގެ ފަރާތުން
އެކި ޤައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެޖަމްޢިއްޔާގެ
ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން،
އިސްލާމީ ތަޢުލީމާއި، ޤުރުއާނުގެ ޢިލްމާއި، ކީރިތި ރަސޫލާގެ ސީރަތުގެ ދާއިރާތަކުން
މުސްލިމް ވަރލްޑް ލީގުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އަދި، އެޖަމްޢިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ
ދާއިރާތަކާބެހޭގޮތުން ޑޮކްޓަރ ޢާދިލް ބިން ޢަލީ އޮޅުންފިލުއްވިއެވެ.



މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް
އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު
ބައިވެރިވެވަޑައިގެންނެވިއެވެ.