ޚަބަރު

ކޮންމެ ރަށަކުން ފިޓްނަސް އިންސްޓްރަކްޓަރެއް ތަމްރީނުކުރަނީ

އަތޮޅުތެރޭގެ ރަށްތަކުގައި ފިޓްނެސް އިންސްޓްރަކްޓަރުން ބެހެއްޓުމަށްޓަކައި އެ ދާއިރާއިން މީހުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިިވަނީ ފިޓްނެސް އިންސްޓަރުން ތަމްރީން ކުރުމަށް ބާއްވާ އެ ކޯހަކީ އެއްވެސް ފީއަކާ ނުލައި، ހިލޭ ބައިވެރިވެވޭ ކޯހެކެވެ. ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކޯހުގައި ބައިވެރި ވެވޭނެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމެންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން އިންތިޒާމުކޮށްގެން އެ އިންސްޓިޓިއުޓުގައި ފިޓްނަސް އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށްޓަކައި ކުރިއަށްގެންދަން ނިންމާފައިވަނީ "ސެޓްފިކެޓް 1 އިން ފިޓްނެސް އިންސްޓްރަކްޓަރ" ކޯހެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް އިންސްޓްރަކްޓަރަކު ބެހެއްޓުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މާލޭގައި ކުރިއަށްދާ މި ކޯހުގައި 198 މީހުންނަށް ބައިވެރިވެވުނު ނަމަވެސް، ކޯހުގައި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެކަކަށެވެ. ރަށްރަށުން ކޯހަށް ހުށަހަޅާއިރު، އެއް ރަށުން އެކަކަށްވުރެ ގިނަ މީހުން ހުށަހަޅާނަމަ އިސްކަންދޭނީ އޯލެވެލް ތިން ފާސް އޮތުމާއި ކުޅިވަރު ދާއިރާގައި އުޅެފައިވާ ފަރާތަކަށްކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން މައުލޫމާތުދެއެވެ.

ހިލޭ ކިޔަވައިދޭ މި ކޯހުގެ ބައިވެރިންނަށް އެލަވަންސެއްވެސް ދޭން ނިންމާފައިވާއިރު ކޯހުގެ ކިޔެވުން ފަށާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ރަށު ކައުންސިލްތަކާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ލިބެން ހުންނާނެ ކަމަށް އެ އިންޓިޓިއުޓުން ބުނެއެވެ.