ޚަބަރު

ވަކީލުންގެ މަސައްކަތްތައް ފާރަވެރިވެ ބެލުމަށް ބާ އެސޯސިއޭޝަނެއް ހަދަނީ


ޤާނޫނީ ވަކީލުންގެ މަސައްކަތްތައް ފާރަވެރިވެ ބެލުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުޢައްސަސާއެއް އުފެއްދުމަށް ޤާނޫނީ ޚިދުމަތުގެ ނަމުގައި ރައްޔިތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.

މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ އެސޯސިއޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓު ކުރުމެވެ. އަދި ޤާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމާއި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ ޢުޞޫލުތައް ކަނޑައެޅުމާއި ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއި އެކު ކުރިއަށްދާކަން ކަށަވަރު ކުރުމަކީވެސް ބާ އެސޯސިއޭޝަންގެ މަޤްޞަދެކެވެ.

ބާ އެސޯސިއޭޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ޤާނޫނީ މިނިވަން މުއައްސަސާއެއް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ބާ އެސޯސިއޭޝަން އެކުލެވިގެން ވާނީ ޤާނޫނީ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ހިންގާ ކޮމިޓީއާ އެ ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. މި ހިންގާ ކޮމެޓީ އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށެވެ. ހިންގާ ކޮމެޓީއަށް މެންބަރުން އިންތިޚާބު ކުރާނީ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

އަދި މި އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ. ހިންގާ ކޮމެޓީގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ކަމަށާއި ކޮމެޓީގެ ރައީސަކަށް އިންތިޚާބުވާ ބޭފުޅަކަށް އެއް ދައުރަށްވުރެ ގިނަ ދައުރެއް އަދާ ނުކުރެވޭނެ ކަމަށްވެސް މި ބިލްގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނީ ޚިދުމަތުގެ ބިލުގައި ބާ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުންތަކުގެ ޤާނޫނީ ޢަދަދު ކަމަށް ބުނެފައިވަނީ ހަތަރު މެންބަރުންނެވެ. ބިލްގައި ބުނެފައި ވަނީ ކޮންމެ މަހަކު ދެ ފަހަރު ބާ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަންޖެހޭނެ ކަމަށެވެ.

ބާ އެސޯސިއޭޝަން ހިންގުމަށްޓަކައި ބަޖެޓު ފޯރުކޮށްދެންޖެހޭނެ ކަމަށް ބިލްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހެވެ. މީގެއިތުރުންވެސް ޤާނޫނީ ވަކީލުންނާއި ގުޅުންހުރި ތަފާތު މަސައްކަތްތަކުގައި ފީ ނަގައިގެން ބާ އެސޯސިއޭޝަނަށް ފައިސާ ހޯދޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ވަކީލުންނަށް ފިޔަވަޅު އެޅުމާއި ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކަންކަން ކުރުމަށް މިނިވަން މުސްތަޤިއްލު މުޢައްސަސާއެއް ހެދުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ވަކީލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން މިހާރު ގެންދަނީ ސުޕްރީމް ކޯޓުންނާއި ޖުޑިޝަލް އެޑް މިނިސްޓްރޭޝަނުންނެވެ.