ޚަބަރު

ޕެޑުން ޓެކްސް ކަނޑާލާ އެތަކެތި ވިއްކާ އަގުތައް ކޮންޓްރޯލްކުރަންޖެހޭ - މެންބަރުން


އަންހެނުންނަށް ބޭނުންވާ ޕެޑް އަދި ޓެމްޕޮންސް ޓެކްސް ކަނޑާލާ އެތަކެތި ވިއްކާ އަގުތައް ކޮންޓްރޯލް ކުރަން ރައްޔިތުން މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.

ޕެޑް އަދި ޓެމްޕޮންސް ޓެކްސް ކަނޑާލާ އެތަކެތި އަސާސީ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށް މަޖިލީހަށް ހުށައެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲއެވެ. ބާރީ ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ސެނިޓަރީ ޓަވަލާއި، ޓެމްޕޮންސް އެއީ އަސާސީ މުދަލުގެ ގޮތުގައި ހަމަޖައްސައި، އެ ތަކެތިން ނަގަމުންއައި ޓެކްސް ނެގުން ހުއްޓާލުމަށް ގިނަ ރައްޔިތުން އެދެމުންދާކަމަށެވެ. އަދި ރައްޔިތުންނަށް އެ ލުއިފަސޭހަކަން ހޯދާދިނުމަށްޓަކައި އެކަން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދިނުމަށް ވަޢުދުވެފައިވާކަންވެސް ބާރީ ފާހަގަކުރެއްވިއެވެ.

މި އިޞްލާހަށް ގިނަ މެންބަރުން ތާޢީދުކޮށް ވާހަކަ ދައްކަވާފައިވެއެވެ. މެންބަރުން ވިދާޅުވީ، އަންހެނުންނަށް ބޭނުންވާ ޕެޑަކީ ކޮންމެހެންވެސް އަގު ކުޑަކުރަންޖެހޭ އެއްޗެއްކަމަށެވެ. މިއީ އާއިލާތަކަށް ހޯދާދެވޭނެ ވަރަށް ބޮޑު ލުއެއްގެ ގޮތުގައި މެންބަރުން ފާހަގަކުރެއްވިއެވެ.

މަޖިލީހުން އެތަކެތިން ޓެކްސް ކަނޑާލިނަމަވެސް، އަގުތަކަށް ވިޔަފާރިވެރިން ބަދަލު ގެންނަމުން ދާތަން ފެންނަމުން ނުދާކަން މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޖިލީހުން މި އިޞްލާހު ފާސްކުރުމުން، އެ ތަކެތީގެ އަގުތަކަށް ވިޔަފާރިވެރިން ބަދަލު ގެނޭތޯ ބަލާ މޮނީޓަރ ކުރުމަށް ބައެއް މެންބަރުން ގޮވާލެއްވިއެވެ.

މި ބިލަށް ބަހުސްކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ "ޓެކްސް ނަގާތަކެތިން ޓެކްސް ކަނޑާލުމުންވެސް ވިޔަފާރިވެރިން އެ ތަކެތީގެ އަގަކަށް ބަދަލެއް ނުގެންނަކަމަށެވެ.

" ޓެކްސް ކަނޑާލިޔަކަސް އެ އިރެއްގެ އޮންނަ އަގަށް އެ ތަކެތި ވިއްކަމުން ގެންދަނީ. އަގު ތިރިއެއް ނުކުރައްވާ. ނަމަވެސް ސަރުކާރުން މި ޓެކްސް ކަނޑާލުމަށްފަހު އެ ތަކެތީގެ އަގު ތިރިކުރެވިގެން ގޮސްފަވޭތޯ ބެލުމަކީ މުހިންމުކަމެއް. އެހެންކަމުން ކޮންމެވެސް ކަހަލަ މޮނިޓަރިން މެކޭނިޒަމެއް ބޭނުންކޮށްގެން ޓެކްސް ކަނޑާލުމުން އެ ފައިދާ ވާންޖެހޭ ފަރާތްތަކަށް އެ ފައިދާ ލިބޭކަން ކަށަވަރުކޮށްދޭނެ ގޮތެއް ކަނޑައަޅަދެއްވުން މުހިންމު." އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

ޕެޑުން ޓެކްސް ކަނޑާލުމަށް މަޖިލީހަށް ހުށަހެޅި ބިލު މަޖިލިހުން ބައލިގެންފައިވަނީ މަޖިލީހުގެ އިއްތިފާގުންނެވެ. އަދި އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.