ޚަބަރު

އަލިފާން ނިއްވާ ޚާއްސަ ސައިކަލެއް އެމްއެންޑީއެފްއިން ބޭނުން ކުރަނީ


އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ޚާއްސަ ސައިކަލެއް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މާދަމާއިން ފެށިގެން ބޭނުންކުރަން ނިންމައިފިއެވެ.

މި ސައިކަލުތައް ބޭނުން ކުރަން ފަށާނީ މާދަމާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބާއްވާ އަލިފާން ނިއްވުމުގެ ޚާއްސަ ތަމްރީން "ޖައްރާފާ"ގައެވެ.

އެމްއެންޑީއެފްއިން ބުނީ އަލަށް ތަޢާރަފުކުރާ އަލިފާން ނިއްވާ ސައިކަލުތަކަކީ
ކުދި އަދި ހިމަ ގޯޅި ތަކާއި މަގުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ޚާއްސަ ކުރާނެ ސައިކަލެއް ކަމަށެވެ.

އަލިފާން ނިއްވާ ތަމްރީން "ޖައްރާފާ"އާ ބެހޭގޮތުން ކަޅުތުއްކަލާ ކޮށީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުޙުރީ ވިދާޅުވީ "ޖައްރާފާ 2018" އަކީ އަލިފާން ނިއްވާ މީހުންނަށް ދެވިފައިވާ ޢިލްމާ، ހުނަރު އަދި ލިބިފައިވާ ވަޞީލަތްތައް ޢަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ބާއްވާ ތަމްރީނެއް ކަމަށެވެ.

މި ތަމްރީނަކީ އަލިފާނުގެ ޙާދިސާތަކުގައި ދިމާވާ މައްސަލަތައް ހުނަރުވެރިކަމާއި އެކު ޙައްލުކުރާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެގޮތްތައް ފަރިތަ ކުރުމުގެ ގޮތުން ބާއްވާ ތަމްރީނެއް ކަމަށްވެސް ޒުޙުރީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އެކްސަސައިޒް މި ބާއްވަނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށްދޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަސްކޮށް އެކަން ފަރިތަކުރުމަށްޓަކައި. މި އެކްސަސައިޒުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާ ދޭތެރޭގައި އޮންނަ ޔަގީންކަން އިތުރުކޮށްދިނުން. ރައްޔިތުން އަޅުގަނޑުމެންނާއި މެދު އޮންނަ އިތުބާރު ބޮޑު ކުރުން." ކާނަލް ޢަބްދުﷲ ޒުޙުރީ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނަކީ ސިފައިންގެ ޤާނޫނާއި ޤަވާޢިދު ތަކުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މަތިކޮށްފައިވާ ޒިންމާއާއި މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ގޮތްތައް ފަރިތަ ކުރުމަށް ބޭއްވޭ ތަމްރީނެއް ކަމަށެވެ. މި އެކްސަސައިޒްގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތްތަކަށް ފަރިތަ ކުރުން ހިމެނެއެވެ.

އެކްސަސައިޒް ޖައްރާފާ 2018 ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކުގައެވެ. އަދި މި އެކްސަސައިޒް މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ތަފާތު އެކި ގަޑިތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސަސައިޒް މާލޭގެ މަގުތަކުގައި ކުރިއަށްދާ ވަގުތު ސައިރަން އެޅުމާއިއެކު ފަޔަރ ވެހިކަލް ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.