ޚަބަރު

ސީއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރުމަށް ތިން ނަމެއް މަޖިލީހުގެ ތަޅުމަށް


ހުސްވެފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

މި ތިން ބޭފުޅުންގެ ނަންފުޅު މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ 13 ބޭފުޅަކާއި އިންޓަވިއު ކުރުމަށްފަހު އެވެ.

ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލުމުން 22 މީހަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ޝަރުތު ފުރިހަމަވީ 14 މީހުންނެވެ.

މި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން ޢާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ ޝަރުތު ހަމަވި 14 މީހުންގެ ތެރެއިން އެކަކު ނަން އަނބުރާ ގެންދިޔުމުން އެނާއާއި އިންޓަވިއުކޮށްފައި ނުވާ ކަމަށެވެ.

އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގަތީ ސ. ފޭދޫ ކުމުންޒާނިގެ ފާތިމަތު އަމީރާ، ތ. ހިރިލަންދޫ ލިލީގެ ޢަބްދުރަޙީމް ޙަސަނާއި މާފަންނު ވެލަގަލި މުޙައްމަދު މާހިދު ޝަރީފެވެ.

މި ތިން ބޭފުޅުންގެ ތެރެއިން އެންމެ އެންމެ މަތިން މާކްސް ލިބިވަޑައިގެން ފާތިމަތު އަމީރާއަށް ލިބިފައިވަނީ 89 ޕަސެންޓުއެވެ. 83.4 ޕަސެންޓާއި އެކު ދެވަނައަށް އެންމެ ގިނަ މާކްސް ލިބިވަޑައިގަތީ ޢަބްދުރަހީމް ހަސަނެވެ. މާހިދު ޝަރީފަށް ލިބިވަޑައިގަތީ 79.5 ޕަސެންޓެވެ.

ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 13ވަނަ މާއްދާގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ މެންބަރުކަމުގެ މަޤާމަށް މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ޢާއްމުކޮށް އިޢުލާން ކުރަންވާނެ ކަމަށެވެ. އަދި އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީއިން ދިރާސާ ކޮށް ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅަންވާނެ ކަމަށެވެ.