ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުޞައިން މަނިކު ދޮންމަނިކު ޖުމްހޫރީ ޕާޓީ، ޖޭޕީއަށް ސޮއިކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ރޭ ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި މި ދެ މެންބަރުންގެ ފޯމާއި ޙަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމްއެވެ.
ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޙުޞައިން މަނިކު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އޭނާ ގުޅިވަޑައިގަތީ މުސްތަޤުބަލަށްޓަކައި ކަަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ މުސްތަޤުބަލު އޮތް ސިޔާސީ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާ ސޮއި ކުރެއްވުމަށްފަހު މެންބަރު ޝާހު ވިދާޅުވީ ކަމެއް ގޯސްކޮށް ދާ ކަމަށްވާނަމަ އެކަމެއްގެ ވާހަކަ އަބަދުވެސް އޭނާ ދައްކާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ދައްކާ ވާހަކައެއްގެ ސަބަބުން ޕާޓީން ބޭރުކޮށް، ޕާޓީގެ މަސައްކަތްތަކުން އެކަހެރި ކުރާނެ ޕާޓީއެއް ނޫން ކަމަށްވެސް ޝާޙު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން މި ފަހަކަށް އައިސް އަންނަނީ ޖޭޕީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ސިފަ ކުރައްވާ ގޮތުގައި ގިނަ މެންބަރުންތަކެއް ޖޭޕީއާ ގުޅިވަޑައިގެންނެވުމަކީ އެޕާޓީއަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ޙުޞައިން މަނިކު ދޮންމަނިކާއި މެންބަރު ޝާހު ޖޭޕީއަށް ގުޅިވަޑައިގަތުމާއި އެކު މަޖިލީހުގައި އެޕާޓީ ތަމްޞީލް ކުރައްވާ މެންބަރުންގެ ޢަދަދު ވަނީ 17 އަށް އަރާފައެވެ.